ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ކާފިއު އިއުލާނު ކުރާކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ މެސެޖް އެއް ނޫން ކަމަށާއި އެއީ ދޮގު މައުލޫމާތެއް ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވައިބާގައި ދައުރުވާ މެސެޖެއް އެއީ މާލޭގެ އެއްވެސް މީހަކަށް ނުނުކުމެވޭ ގޮތަށް އަދި އެއްވެސް ޑެލިވަރީއެއް ނުކުރެވޭ ގޮތަށް ލޮކްޑައުން ހަމަޖައްސާ ވާހަކައަކީ ދޮގެއް ކަމަށާއި އެކަހަލަ އެއްވެސް ކަމެއްގެ މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށެވެ.
މާލޭގައި ކޮވިޑް-19 ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑްއެއް އުޅޭތީވެ، މާލެވަނީ ލޮކްޑައުން ކޮށް ރާއްޖޭގައި ސީއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާނުކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 785 އަށް އަރާފައެވެ. ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހިންގެ ޖުމްލަ އަދަދަކީ 257 އެވެ. އަދި މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީންގެ އަދަދަކީ 528 އެވެ. އަދި މިބަލީގައި 03 މީހަކުވަނީ ނިޔާވެފައެވެ.




