ސާކް ސަރަހައްދުގައި ރާއްޖެއާ ގާތްކުރާ އަދަދަށް ޓެސްޓުހެދި އެހެން ގައުމެއް ނެތްކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ތައްޔާރުވެފައިވާ މިންވަރާމެދު ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެމުން މަބްރޫކް ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ ގައުމާއި ވާހަކަދެއްކެވި ކަމަށާއި އޭރުންސުރެ އެޑްވައިޒަރީ ކޮމެޓީއެއް ނަންގަވައި މިކަމުގެ މަސައްކަތްތައް ކުރައްވަން ފައްޓަވައިފައި ވާކަމަށެވެ.
މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަމުން އަންނަ ބަޔެއް ތައްޔާރީތަކަށް އަލިއަޅުވާލަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އިތުރު ޑޮކްޓަރުން ބޭނުންވާނެ ކަމަށް ސަރުކާރުން ލަފާކޮށް ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވަންތިބި 116 ކުދިން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެވުނު ކަމަށާއި، 98،000 މީހުންނަށް ކޮވިޑް-19 އާއި ގުޅިގެން ޓުރެއިނިން ދެވުނު ކަމަށާއި ރާއްޖޭގެ ފަސް ސަރަހައްދެއް ކަނޑައަޅައި އައިސީޔޫ ބެޑްސް ގާއިމްކުރެވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި، ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީ އެއްވެސް އެބަ ތައްޔާރު ކުރެވޭ ކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަލްވަނީ ކޮވިޑް-19 އަށް ހާއްސަ ކުރެވިފައި ކަމަށާއި އަދި މިވަގުތު ރާއްޖޭގައި 100 އެއްހާ ވެންޓިލޭޓާ އެބަހުރި ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުން މަދުކަމުގެ މައްޗަށް ވާހަކަދައްކަމުން މަބްރޫކް ވިދާޅުވީ، ސާކް ސަރަހައްދުގައި ރާއްޖެއާ ގާތްކުރާ އަދަދަށްވެސް ނިސްބަތުން ޓެސްޓުހެދި އެއްވެސް ގައުމެއް ނެއްކަމަށެވެ. އަދި އޭޝިއާއަށް ބަލައިލާއިރު އޭޝިއާގައި މިކަން އެންމެ ރަނގަޅަށްކުރި ފަސްގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ވެފައިވާ ތައްޔާރީތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސްވަނީ ތައުރީފް ކޮށްފައިވާކަން ފާހަގަ ކުރަމުން މަބްރޫކްވަނީ މިދުވަސްވަރަކީ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ގޮންޖެހުން ބޮޑު ދުވަސްވަރެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށްވުރެ މާ ކުރިއަރާފައިވާ ގައުމުތަކުންވެސް ކޮވިޑް-19 އާއި ހަނގުރާމަ ކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން މިހާތަނަށް785 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލިން29 މީހަކުވަނީ ރަނގަޅު ވެފައެވެ.




