މިއަދު ރާއްޖެ ގެނައި ވެންޓިލޭޓަރު - ފޮޓޯ: މުހައްމަދު ފިރާގު -ޓްވިޓާ

18 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފި

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފި އެވެ.

މެޑިޓެކް އާއި ހަވާލުކޮށްގެން ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގައި މިއަދު 18 އައިސީޔޫ ވެންޓިލޭޓަރުގެ އިތުރުން ސިއްހީ އިތުރު ސާމާނު ރާއްޖެ ގެނެސްފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ބިރުވެރި މިންވަރަކަށް ފެތުރިދާނެކަމަށް ލަފާކޮށް ރާއްޖެއަށް 200 ވެންޓިލޭޓަރު ގެންނަނަން ވަނީ ނިންމާފައެވެ.

ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް މެޑް ޓެކް ކުންފުންޏާ ހަވާލުކޮށްފައިވަނީ 14.4 މިލިއަން ރުފިޔާއަށެވެ. އެގޮތުން އޭގެތެރެއިން 18 ވެންޓިލޭޓަރު މިވަނީ މިއަދު ރާއްޖެ ގެނެސްފައެވެ. މެޑްޓެކްގެ އިތުރުން ސަރުކާރުން ވަނީ އިތުރު ވެންޓިލޭޓަރުތައް ގެނައުމަށް ބައެއް އެހެން ކުންފުނިތަކާވެސް ހަވާލުކޮށްފައެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ދަތިތަކެއް ހުރީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކުރެވިފައިވުމުން އެތަކެތި އުފައްދާ ކުންފުނިތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ. އަދި މިކަމުގެ ސަބަބުން ސަޕްލައި ކުރުމުގެ ދަތިތައް ބޮޑުވެފައިވާއިރު ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު ގިނަވެފައި ވުމުން މިތަކެތިލިބުމަށް ވަނީ ދަތިވެފައެވެ.

ކޮވިޑް19 ގެ ސަބަބުން ހާލު ގޯސްވެ މިހާރުވެސް ދެ މީހަކު ވެންޓިލޭޓަރުގައި އޮތްއިރު ރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ