ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައިވާކަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ލިބެންދެން ޖޫންމަހާ ހަމައަށް ދިރާގުން ދޭ އެއްވެސް ޚިދުމަތެއް މެދުކަނޑާނުލުމަށް އެފަރާތުން ނިންމައިފިއެވެ.
ދިރާގުން ވަނީ ކޯވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުން ބޮޑެތި ލުއިތަކެއް ދޭން ނިންމައިފައެވެ. އެގޮތުން ދިރާގުން ކަސްޓަމަރުންނަށް ދޭ ލުއިތަކުގެ ތެރޭގައި ބިލް ދެއްކުމަށް އޮންނަ މުއްދަތު ދެ މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުންމަށް ނިންމާފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން މާލީގޮތުން ދަތިތައް ކުރިމަތިވާ ފަރާތްތަކަށް ބިލް ދެއްކުމަށް ޚާއްސަ އިންތިޒާމްތަކެއްވެސް ދިރާގުން ވަނީ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން ޖޫރިމަނާއާއި އަލުން ޚިދުމަތް ގުޅައިދިނުމަށް ނަގާ ފީތައް ނުނެގުމަށްވެސް ދިރާގުން ވަނީ ނިންމާފައެވެ. ދިރާގަކީ ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ކުންފުންޏެވެ.
އެކުންފުނިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ޓީޗަރުންނަށާއި ދަރިވަރުންނަށް ހިލޭ ޑާޓާ ޕެކޭޖްތަކެއް ވެސް ދީފައެވެ.




