ބަދިގެތެރޭން މިއަދު މިގެނެސްދެނީ ފުށް ލީ ކުކުޅު ތައްޔާރު ކުރާނެގޮތެވެ.
ކުކުޅަށް
ބޭނުންވާތަކެތި:
1400 ގްރާމްގެ ކުކުޅު (ކޮށާފައި)
1 ފިޔާ (ބޮޑު، ކޮށާފައި)
4 ލޮނުމެދު (ކޮށާފައި)
1 އިންޗި އިނގުރު (ގާނާފައި)
1/4 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ކޮށާފައި ހުރި ކުކުޅަށް އަސޭމިރުހާއި ލޮނު އެއް ކޮއްލާށެވެ. އަދި ފިޔާ މީރުކޮށްފައި، ކުޑަކޮށް މޯޅިވީމައި، އިނގުރާއި ލޮނުމެދު އަޅައި ރަނގަޅަށް އެއްކޮއްލާށެވެ. އެއަށްފަހު ކޮށާފައި ހުރި ކުކުޅުކޮޅު ވަކިވަކިން އޭގެތެރެއަށް އަޅާލާށެވެ. އަދި މަތިޖަހަގެން، މަޑުގިނީގައި ރޯ ފިލަންދެން ކުކުޅުތައް ކައްކާށެވެ.
ފުށްގަނޑަށް
ބޭނުންވާތަކެތި:
1 ޖޯޑް ފުށް
1 ބިސް
1/4 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ފުށްގަނޑަށް ބިހާއި ލޮނާއި އަސޭމިރުސް އެޅުމަށްފަހު އޮލަކޮށް ރަނގަޅަށް ގިރާށެވެ. ދެން ރޯފިލުވާފައި ހުރި ކުކުޅު އެތިން ފަހަރަކު އެތިކޮޅެއްނަގައި ފުށްގަނޑަށް ލާފައި ނަގައި، މަޑު މުށިކުލަ އަރަންދެން ތެލުލާށެވެ.
ނޯޓް: ތެޔޮގަނޑަށް ކުކުޅު އަޅާނީ، ވަރަށް ރަނގަޅަށް ތެޔޮގަނޑު ހޫނުވުމުން
މިހާރުމިވަނީ ފުށް ލީ ކުކުޅު ތައްޔާރުކޮށް ނިމިފައެވެ.




