ދިވެހިރާއްޖެއިން ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އިން ހިއްސާކުރި ތަފާތު ހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 05:00 ގެ ނިޔަލަށް ޕޮޒިޓިވްވި 45 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 835 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން 3 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ބައްޔަށް ޝިފާ ލިބިފައިވަނީ 29 ފަރާތަކަށެވެ.
މި ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް، ވެކްސިނެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ބައްޔަށް ހުށަހެޅިދާނެފަދަ ކަންކަމުން ވީހާވެސް ބޮޑަށް ދުރުހެލިވުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.




