ބޭރުގެ މަޝްހޫރު ޒުވާން އަންހެން ލަވަކިޔުންތެރިޔާ، "އެރިއަނާ ގްރަންޑޭ" ސިންގަލްކޮށް ނުވަތަ ހުސްކޮށް ހުންނަތާ މިހާރު ވަރަށް ގިނަދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް، ދާދިފަހަކުން އޭނާ ހާމަކުރިގޮތުގައި އޭނާ މިހާރު އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންނެވެ.
އެރިއާނާ މިވާހަކަ ހާމަކުރީ، އޭނަގެ އެންމެ ފަހުގެ މިޔުޒިކް ވީޑިއޯ މެދުވެރިކޮށް ކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އެރިއާނާ އަދި ލަވަކިޔުންތެރިޔާ "ޖަސްޓިން ބީބަރ" އާއެކު ކިޔާފައިވާ މިި މިޔުޒިކް ވީޑިއޯ އަކީ، ރިލީޒްކުރީ މި މަހުގެ 8 ވަނަ ދުވަހުއެވެ. "ސްޓަކް ވިތް ޔޫ" މި މިޔުޒިކް ވީޑިއޯ އަކީ، ކުޑަކުދިންގެ ފަންޑްރައިޒިންއަކަށް ރުފިޔާ ހޯދައިދިނުމުގެ ބޭނުމުގައި ރިލީޒްކުރި ލަވައެކެވެ.
މި ލަވައިން، އެރިއާނާއާއެކު އާއްމުންނާއި، މަސައްކަތްތެރިން، އަދި މަޝްހޫރު ސެލެބްރިޓީންވެސް ފެނިގެންދިޔައިރު، ވީޑިއޯ ކޮށްފައިވަނީ، ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެން، އެމީހަކު އަމިއްލައަށް ގޭގައި ތިބެގެންނެވެ. އެއާއެކު، ވީޑިއޯގެ އެންމެ ފަހު މަންޒަރުން އެރިއާނާ އާއިއެކު ފެނިގެންދިޔައީ، މީގެ ކުރިން އެރިއާނާ އާއި ގުޅުމެއް އޮންނަކަމަށް ޙަބަރުތައް ފެތުރުނު، ލޮސް އެންޖެލަސްގެ ރިއަލް އެސްޓޭޓް އޭޖެންޓް އެއް ކަމުގައިވާ "ޑެލްޓަން ގޮމޭޒް"އެވެ.
އެހެންކަމުން ފޭނުން މިހާރު ބުނަމުން އަންނަނީ، މި ލަވައަކީ، އެރިއާނާ އާއި ޑެލްޓަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަޤީންކޮށްދިން ނުވަތަ ހާމަކޮށްދިން ލަވައެއް ކަމަށެވެ. މީގެ ކުރިން މި ދެމީހުން، ވަރަށް ގިނަ ދުވަހު ޑޭޓް ކުރިކަމަށް އެކި ފަހަރު މަތިން އަޑުއަރާފައިވެއެވެ.
"ސްޓަކް ވިތް ޔޫ" މި ވީޑިއޯ ލަވައިގައި، ޖަސްޓިން ބީބާ އާއިއެކު އަންހެނުން ހެއިލީ ވެސް ފެނިފައިވެއެވެ.



