ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީ އަދި ށ. މާއުނގޫދޫ މިއަދު އާންމު ހާލަތަށް ގެނެސްފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން މަބްރޫކް ވިދާޅުވީ، މޮނިޓަރިންނަށް ލައިފައިވާ ދެރަށަކާއި އަދި އެއްބޯޓު މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މިގޮތުން މިއަދު އާންމު ހާލަތަށް ގެނެސްފައިވަނީ އައްޑޫ ސިޓީ އާއި ށ. މާއުނގޫދޫ އާއި އަދި ކާވިޔާ ބޯޓެވެ.
ރަށެއް، ގެއެއް، ނުވަތަ އުޅަނދެއް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތައް ގެއްނަނީ އެތަނަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތެއް ފެނުމުންނެވެ. އަދި މިފަދަ ތަނެއް މޮނިޓަރިންގެ ހާލަތުން ނަގަނީ އެބަލި އެތަނެއްގައި ނުފެތުރޭނެކަން ޔަގީން ކުރުމަށް ފަހުއެވެ.
މިގޮތުން، އައްޑޫސިޓީ މޮނިޓަރިންނަށް އަށް ގެނެސްފައިވަނީ، އެ ސިޓީން މާލެ ގެނެވުނު ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުން މިފަރާތްވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ. އަދި މާއުނގޫދޫ މޮނިޓަރިންނަށް ގެނެސްފައިވަނީ އަމާޒު ބޯޓުން ދަތުރުކުރި ބަޔަކު އެރަށަށް ދިއުމުންނެވެ.
ކޮވިޑް-19ގެ ފުރަތަމަ ކޭސް މިދިއަމަހުގެ 15 ވަނަ ދުވަހު މާލެއިން ފެނިފައިވާއިރު މިބަލިމިހާރުވަނީ އަތޮޅުތެރޭ ރައްތަކުންވެސް ފެއްނަން ފަށައިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މިހާރު މޮނިޓަރިންގައިވާ ރައްތަކަކީ މާލޭ ސިޓީ، ކ. ތުލުސްދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ހއ. ތަކަންދޫ، އަދި ނ. މަނަދޫއެވެ.



