މިއަހަރު ފެށިގެން އައީ ބިރުވެރި ފިލްމްތަކަށް ލޯބި ކުރާ ފަރާތްތަކުގެ ބޮޑު އުއްމީދުތަކަކާއެކުއެވެ. މަޝްހޫރު އެތައް ސިލްސިލާ ބިރުވެރި ފިލްމްތަކާއި މުޅިން އާ ބިރުވެރި ފިލްމްތަކެއް ސިނަމާގައި އެޅުވުމަށް އޮތީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ، ކޮވިޑް-19 ގެ ބިރުވެރިކަމާއެކު، މި ފިލްމްތަކުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. ނުވަތަ މި ފިލްމްތައް ސިނަމާއިން ބަލާލުމުގެ ފުރުސަތު ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ.
އެހެންނަމަވެސް ކޮވިޑް-19 ގެ ޕެންޑެމިކް ގެ ކުރިން މަދު ބިރުވެރި ފިލްމްތަކެއް ރިލީޒްކޮށްފައިވެއެވެ. އެހެންމަކުން މި ހިމަނާލަނީ، ކޮވިޑް-19 ގެ ޕެންޑެމިކް ގެ ކުރިން މިއަހަރު ސިނަމާއަށް އައި އެންމެ ބިރުވެރި ފިލްމްތަކުގެ ލިސްޓެކެވެ.
ދަ އިންވިސިބަލް މޭން
މީގެ ތި މަސް ކުރިން މި ފިލްމްގެ ޓްރެއިލާ ދައްކާލި ހިސާބުން މި ފިލްމަކީ، މި އަހަރު ސިނަމާއަށް އަންނާނެ ބިރުވެރި ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އެއް ފިލްމެވެ. މިއަހަރު ފެބްރުއަރީ 24 ގައި ރިލީޒްކުރި މި ފިލްމްގައި ކިޔައިދެނީ، އަންހެން ކުއްޖަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއްގެ ވާހަކައެކެވެ. ފިލްމް ފެށިގެން އަންނައިރު، އަންހެންކުއްޖާއަށް އަނިޔާކުރާ އޭނަގެ ލޯބިވެރިޔާ މަރުވެއެވެ. އަދި އޭގެ ފަހުން ނުފެންނަ މީހެއް ފަރާތުން އޭނައަށް އެކި ކަހަލަ ގޯނާ ކުރެއެވެ. "ދަ އިންވިސިބަލް މޭން" ގެ ސްކްރީން ޕްލޭ ލިޔެފައިވަނީ، މޮޅެތި ބިރުވެރި ފިލްމްތައް ކަމުގައިވާ "ސޯ" އަދި "އިންސިޑިއަސް"ގެ ސްކްރީން ރައިޓާއެވެ.
އަންޑަވޯޓަރ
މިއީ ސައިންސް ފިކްޝަން ތްރިލާއެވެ. "ޓްވިލައިޓް" ފިލްމް ތަކުން މަޝްހޫރުވި ކުޅަދާނަ އެކްޓްރެސް "ކްރިސްޓަން ސްޓިވަޓް" ލީޑުން ފެނިގެންދާ މި ފިލްމަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވެއެވެ. މި ފިލްމްގައި ކިޔާދެނީ، ބިންހެލުމަކާއި ގުޅިގެން ގެއްލުން ލިބިފައިވާ، ކަނޑު އަޑީގައި ހުންނަ ލެބޯރޓަރީއެއްގައި މަސައްކަތްކުރާ ދިރާސާކުރާ ބަޔަކަށް ދިމާވާ ހާދިސާތަކެކެވެ. އެގޮތުން ކަނޑު އަޑީގައި ގޮތް ނޭނގޭ އެއްޗެހިތަކެއް އުޅެއެވެ.
ދަ ގްރަޖް
މިއީ 2002 ވަނަ އަހަރު ނުކުތް ޖަޕާން ފިލްމް ގެ ހޮލީވުޑް ރީމޭކްއެކެވެ. މި ފިލްމްގައި ކިޔައިދެނީ ނާމާން ވެފައިވާ ނުވަތަ ޖިންނި އަވާލާފައިވާކަމަށް ބުނާ ގެއެއްގެ ތެރޭގައި ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ. މި ފިލްމް ރިލީޒްކުރީ، ޖެނުވަރީ މަހުގެ 1 ގައެވެ. މި ފިލްމްގައި ކުއްލި ކުއްލިއަށް ސިއްސައިގެން ދާފަދަ ބިރުވެރި މަންޒަރުތަކެއް ފެނިގެން ދިޔައެވެ.
ދަ ހަންޓް
އެމެރިކަން ހޮރޯ ތްރިލާ މި ފިލްމް، ފެށިގެން އަންނައިރު، 12 ޒުވާނަކަށް ވީނުވީއެއް ނޭނގި އެއްތަނަކަށް ހޭލެވެއެވެ. ނަމަވެސް އެމީހުންނަށް އެތަނަށް އާދެވުނު ގޮތެއް އެކަކަކަށްވެސް ނޭނގެއެވެ. މި ފިލްމް އެންމެ ފުރަތަމަ ރިލީޒްކުރަން އުޅުނީ، މިދިޔަ އަހަރު 2019 ގައެވެ. ނަމަވެސް ފިލްމް އެޅުވުން ލަސްކޮށް، ފިލްމް ރިލީޒްކުރީ، މިއަހަރުގެ މާޗް 13 ގައެވެ. ނަމަވެސް ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން ފިލްމްގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.
މި އަހަރު ކުރިއަށް ރިލީޒްކުރަން ހަމަޖެހުނު ފިލްމް ތަކަށް ބަލާއިރު، "ދަ ކޮންޖިއުރިން 3"، "އަ ކުއައިޓް ޕްލޭސް:2" ފަދަ ފިލްމްތައް ވަނީ ކޮވިޑް-19 އާއިއެކު، ރިލީޒްކުރުން ފަސްކޮށްފައެވެ.




