ރައްކާތެރި ކަމާއެކު ފޮތި މާސްކު ބޭނުން ކުރާނެގޮތް މިއޮތީ!

މުޅި ދުނިޔެ ވެސް ބިރުގަންނުވާލާފައިވާ ކޮވިޑްގެ ނުރައްކާ މާލެތެރެއަށް ފެތުރުމާއެކު ޑޮކްޓަރުން ވަނީ މާސްކުއެޅުމަށް އިލްތިމާސް ކޮއްފައެވެ. ނަމަވެސް ސާޖިކަލް މާސްކު ޑިމާންޑް ބޮޑުވެ، މާސްކު ލިބުން ވަނީ ދަތިވެފައެވެ. އެހެންކަމުން ގިނަބަޔަކު މިހާރު ދަނީ އަމިއްލައަށް ތައްޔާރުކުރާ ފޮތި މާސްކު ބޭނުން ކުރަމުންނެވެ.

ކޮންމެ ކަމެއްކުރިޔަސް އެކަމެއް ކުރަން ވާނީ އޭގެ އެންމެ ރަނގަޅަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. މާސްކެއް އެޅުމަކުން އަދި ފުދުނީކީ ނޫނެވެ. އެތަކެތި ބޭނުން ކުރަންވެސް ވަކި ގޮތްތަކެއް އޮންނަކަން ދަންނަންޖެއެވެ. އަދި މި ކަންތައްތައް ޑޮކްޓަރުންވެސް ގެންދަވަނީ ބުނެދެމުންނެވެ.

ފޮތި މާސްކު ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް:

  • މާސްކު އެޅުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ ހިއްކުން ވަރަށް މުހިންމެވެެ. އަދި އެއްވެސް ހުސްޖާގައެއް ނުހުންނަ ގޮތަށް އަނގަޔާއި ނޭފަތް ފޮރުވައި، މޫނުގެ ބައްޓަމަށް ފެތޭގޮތަށް މާސްކު އެޅުމަކީވެސް މުހިންމެވެ.
  • މާސްކު އެޅުމަށްފަހު އޭގައި އަތް ނުލުމަށާއި، އަތްލާން ޖެހިއްޖެ ހާލަތެއްގައި އަތްލުމަށްފަހު އެހެން ތަނެއްގައި އަތްލުމުގެ ކުރިން އަވަހަށް އަތް ދޮވުން ނުވަތަ ހޭންޑް ސެނިޓައިޒަރެއް ބޭނުން ކުރުމަށް ޑޮކްޓަރުންްނާއި ސިއްހީ މާހިރުން ލަފާދެއްވައެވެ. އަދި މާސްކުން އެއްވެސް ތެތްކަމެއް އިހުސާސްވެއްޖެނަމަ އެ މާސްކު އަވަހަށް ބަދަލުކުރުމަކީވެސް ވަރަށް މުހިންމެވެ.
  • ސާޖިކަލް މާސްކު އާއި ހިލާފަށް ފޮތި މާސްކަކީ ދޮވެގެން ބޭނުން ކުރެވޭ މާސްކެއް ކަމުން ބޭލުމަށްފަހު ދޮވެލެވޭނެއެވެ. މާސްކު ދޮވުމަށްޓަކައި ފުރަތަމަ ހޫނު ފެން އެއްޗެއްގެ ތެރެޔަށް މާސް ލާށެވެ. ތައްޓަށް އަޅާ ފެނަކީ ކެކިކެކި ހުރި ހޫނު ފެނަށް ވާންވާނެއެވެ. ދެން ދޮންނަ ކުނޑި އަޅައި ބައިގަޑިއިރު ވަންދެން ބަހައްޓާށެވެ. ގޭގައި ބްލީޗް ހުރި ނަމަ 1/2 މަތި ގަނޑު ބްލީޗްވެސް އެއަށް އަޅާށެވެ. އެއަށްފަހު އަތުން މާސްކު ދޮވެލެވޭ ވަރަށް ފެންގަނޑު ހިހޫވުމުން ރަނގަޅަށް ދޮވެލާށެވެ. އަދި ވައި ދައުރުވާ އަވިދޭ ތަނެއްގައި ހިއްކަން އަޅާށެވެ. ދެވަނަ ފަހަރަށް މާސްކު ބޭނުން ކުރަންވާނީ ރަނގަޅަށް ހިކުނީމައެވެ. އަވިދޭ ތަނެއް ނެތް ނަމަ ވައި ދައުރުވާ ހުޅުވިފައިވާ ތަނެއްގައި ބާއްވައިގެން ރަނގަޅަށް ހިއްކަންވާނެއެވެ.
  • މާސްކު މޫނުން ނައްޓާއިރު މިކަންތައްތައްތަކަށް ސަމާލުކަންދޭށެވެ. ފުރަތަމަ ކަމަކަށް ކުރިމަތީ ތައްޓެއް ނުވަތަ ބާލިދީއެއް ބެހެއްޓުމަށްފަހު ކުރިމައްޗަށް ގުދުވެލުމަށްފަހު ކަންފަތުގައި ނުވަތަ ބޮލުގެ ފުރަގަހުގައި އަޅުވާފައި ހުރި ވާކޮޅު ނައްޓާލާށެވެ. ދެން ވާކޮޅުގައި ހިފައި ގައިގައި ނުޖެހޭ ގޮތަށް މާސްކު ތައްޓަށް ނުވަތަ ބާލިދީއަށް ލާށެވެ. މިފަދަ އެއްޗެއް ނެތް ތަނެއްގައި މާސް ނައްޓަން ޖެހިއްޖެ ނަމަ، ކުޑަކޮށް ގުދުވެލުމަށްފަހު ކަންފަތުގައި ނުވަތަ ބޮލުގެ ފުރަގަހަށް ވާގޮތަށް އަޅުވާފައި އޮތް ވާފަށުގައި ހިފައި މޫނާ ދުރަށްވާ ގޮތަށް މާސް ނައްޓައިލުން ވަރަށް މުހިންމެވެ. މިގޮތަށް ނައްޓާއިރު މާސްކުގެ އެއްވެސް އެހެން ތަނެއްގައި އަތް ނުލުމަށް ހަނދާން ކޮއްދެމެވެ.
  • އެންމެފަހު ކަމަކަށް، މާސްކު ދޮވެނިމުމުން ދޮވުމަށް ބޭނުން ކުރި ތަށި ނުވަތަ ބާލިދީ ރަނގަޅަށް ދޮންނަކުނޑިން ނުވަތަ ބްލީޗުން ދޮވެލައި ހިއްކަންވާނެއެވެ. ސައިބޯނި ލައިގެން އަތްވެސް ރަނގަޅަށް ދޮވެ ހިއްކަންވާނެއެވެ.

އެހެން ކަމުން ހުރިހާފަރާތްތަކުންވެސް ފޮތި މާސްކު ބޭނުން ކުރުމުގައި މިކަންތައްތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ