ކޮވިޑް-19 ޖެހިގެން ޖުމްލަ ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަން އައިޖީއެމްއެޗްގެ ޑރ. އިބްރާހިމް އަފްޒަލް ހާމަކުރައްވައިފިއެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހާލަތު ކިޔާދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ތިންމީހަކަށް ފަރުވާދެމުންދާ ކަމަށާއި މީގެތެރެއިން ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާދެމުންދާ ކަމަށާއި މި 11 މީހުންގެ ތެރެއިން ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ.
ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓާގައި ފަރުވާ ދެމުންދާ ދެމީހުންގެ އުމުރަކީ 70 އަހަރާއި 88 އަހަރެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރެހެނުންނެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ދެމީހުންގެ އުމުރަކީ 54 އަހަރާއި 29 އަހަރެވެ. މި ދެމީހުންނަކީ ބިދޭސީންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 862 މީހުންނެވެ. މީގެތެރެއިން މިހާރު އެކްޓިވް ކޭސަސްގެ ގޮތުގައި ހުރި އަދަދަކީ 828 އެވެ. އަދި މިބަލިން 31 މީހަކު ރަނގަޅުވެފައި ވާއިރު ތިންމީހަކުވަނީ ނިއާވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ މިހާރުވަނީ ފުރަބަންދު ކުރެވިފައެވެ. އަދި ހާއްސަ ހުއްދައެއް ނަގައިގެން ނޫން ގޮތެއްގައި އެއްރަށުން އަނެއް ރަށަށް ދިއުންވެސްވަނީ މަނާކޮށްފައެވެ.



