ދިވެހިރާއްޖެއިން ކޮވިޑް-19 އަށް އިތުރު 35 މީހަކު ޕޮސިޓިވްވެ، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 897 ކަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) ވިދާޅުވީ، މިފަހަރު ކޮވިޑް-19 އަށް ޕޮސިޓިވްވި، މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 14 ބަނގްލަދޭޝް މީހުންގެ އިތުރުން 07 އިންޑިއާ މީހުން ކަމަށެވެ.
ރާއްޖެއިން މިހާތަަށް 302 ދިވެހިންނަށް މި ބަލިޖެހިފައިވާއިރު އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މިބަލި ޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނަށެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޖުމްލަ 492 ބަންގްލަދޭޝް މީހަކަށް މި ބަލި ޖެހިފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައި ވެއެވެ.
މި ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް، ވެކްސިނެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ބައްޔަށް ހުށަހެޅިދާނެފަދަ ކަންކަމުން ވީހާވެސް ބޮޑަށް ދުރުހެލިވުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.



