އެމެރިކާގެ ވައިޓްހައުސްގައި މަސައްކަތްކުރާ ސްޓާފުން ވައިޓްހައުސް އަށް އަންނައިރު ފޭސް މާސްކް އަޅައިގެން ތިބުމަށް އަންގައިފިއެވެ.
މިގޮތަށް ވައިޓްހައުސް އިން އަންގައިފައި މިވަނީ ވައިޓްހައުސްގައި މަސައްކަތްކުރާ ދެ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ވައިޓްހައުސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ މިލާއާއި، ރައީސް ޑޮނާލްޑް ޓްރަމްޕުގެ ޕާޒަނަލް ސެކެޓްރީއެކެވެ.
ވައިޓްހައުސްގެ ރޯސް ގާޑަންގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސްޓާފުން މި އާ ގަވާއިދަށް އަމަލުކުރަން ޖެހުނު ނަމަވެސް އެމަނިކުފާނު ނުޖެހޭނެ ކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ، އެމަނިކުފާނަކީ އެހެން މުވައްޒަފުންނާއި ވަކިން އުޅުއްވާ ބޭފުޅަކަށްވާ ކަމަށްޓަކައެވެ.
ވައިޓްހައުސްގެ ދެ ސްޓާފުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮވިޑް-19ގެ ހާއްސަ ޓާސްކްފޯހުގައި މަސައްކަތްކުރައްވާ އިސް ތިންބޭފުޅަކުވެސް މިހާރުވަނީ ސެލްފް އައިސޮލޭޓްވެފައެވެ.
ކޮވިޑް-19 އަށް އެމެރިކާ ރައްޔިތުން ޓެސްޓު ކުރުމުގައި މިފަހުން އެމެރިކާއިންވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މިގޮތުން މިކަމަށް އެމެރިކާ ސަރުކާރުންވަނީ 11 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.



