ރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމަށްވިޔަސް ހުރިހާ ރަށެއްގައިވެސް ކޮވިޑް-19 ފެތުރުން ގާތް ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެތުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާކަމެއްކަމަށާއި، ރާއްޖޭގެ ރައްތަކަކީ ވަކިވަކި ރައްތަކެއްކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވި ނަމަވެސް އެއް ޤައުމެއްގެ ގޮތުގައި ރާއްޖެ މިއޮތީ ދަތުރު ފަތުރު ވަރަށް ގިނައިން ކުރާތީކަމަށެވެ. "އެހެންވީމަ އެއް ތަނެއްގައި ހުރި އެއްޗެއް އަބަދުވެސް އަނެއް ތަނަކަށް ފެތުރިގެން ދޭ" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ޚާއްސަކޮށް ވެރިރަށް މާލޭގައި މި ބަލި ފެތުރިފައިވަނީ ކަންބޮޑުވާ މިންވަރަކަށެވެ. މި ބަލި ރާއްޖޭގެ ބައެއް ރަށްތަކުން ފެނިފައިވީނަމަވެސް، އަތޮޅު ތެރޭގައި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
އެގޮތުން މާލެ އިން ރަށަރަށަށް މީހުން ފޮނުވުމުގެ އުޞޫލެއް ސަރުކާރުން ވަނީ އެކުލަވާލައިފައެވެ. ނަމަވެސް ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައިދާނެތީ، މި ވަގުތު އޮތީ ރަށްރަށަށް މީހުން ފޮނުވުން މަޑުޖައްސާލައިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އެކި ގޮތް ގޮތުން މާލޭގައި ހުރި 5000 އެއްހާ މީހުން އަތޮޅުތެރޭގެ ރަށްރަށަށް ދިއުމަށް އެދިލައްވާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް 897 މީހަކަށް ވަނީ މި ބަލިޖެހިފައެވެ.



