ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ އަމިއްލަފުޅު މީޑިއާ "ވީމީޑިއާ"އަށް އާމްދަނީ ލިބޭނެ ގޮތެއް ޖޫން މަހުގެ ނިޔަލަށް ނުފެނިއްޖެ ނަމަ، ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގައިފިއެވެ.
ވީމީޑީއާ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު، އެ ކުންފުނީގެ މައި ކުންފުނި، ވިލާ ގުރޫޕު ކުންފުންޏަށް ޓުއަރިޒަމް ސިނާއަތުން ވަންނަމުން ދިޔަ އާންމުދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ވީމީޑީއާގެ ހިންގުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމުގައި ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މި ހާލަތުގައި ކުންފުނީގެ ހުރިހާ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ހާލަތަކަށް އައިސްފައިވާ ކަމަށް އެސާކިއުލާގައި ބުނެފައިވެއެވެ.
އިތުރަށް އެސާކިއުލާގައި ބުނެފައި ވަނީ މި ހާލަތުގައި މުވައްޒަފުންނަށް މުސާރަ ވެސް ހަމައަށް ދެވެން ނެތުމުން އޭޕްރިލް މެއި އަދި ޖޫން މަހު ހުރިހާ މުވައްޒަފުންނަށް ވެސް ދެވެން އޮތީ 2،222ރ. ކަމަށާއި އަދި ކުންފުނީގެ ހިންގުން މެދުކަނޑާލިޔަސް ތިން މަހުގެ މުސާރަ އާއި ރޯދަ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ވެސް ދޭނެ ކަމަށް ބުނެފައިވެއެވެ.
"މި ނިންމުމަކީ މިހާތަނަށް މި ކުންފުނިން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމެވެ. އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާއަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުން ސަލާމަތްވެ، މާދަމާވެސް ތިޔަ ލޮބުވެތި މުވައްޒަފުންނާއި ބައްދަލުވެ، އުފާވެރި މާޙައުލެއްގައި މަސައްކަތް ކުރެވޭނެގޮތް މެދުވެރިވުމެވެ،" އެސާކިއުލާގައި ބުނެފައިވެއެވެ.



