ކޮވީޑް19 އަށް 40 އަށް ވުރެއް ގިނަ ސިފައިން ޕޮޒިޓިވް ވެފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ކޮވިޑް-19 އިން ދިވެހިން ސަލާމަތް ކުރުމަށް އެންމެ ކުރީ ސަފަށް ސިފައިން ނުކުތީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވާނެ ކަން އިނގިތިބެ ކަމަށާއި، މިހާތަނަށް ސިފައިންގެ ތެރެއިން 40 އަށްވުރެއް ގިނަ ފަރާތް މިބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އެކަން، އަދިވެސް ފައްސިވާނެ ސިފައިން، އެހެން ނަމަވެސް ސިފައިން ރައްކާތެރި ކުރުމަށްޓަކައި ފޯސް ޕްރޮޓެކްޝަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީ". ޝަމާލް ވިދާޅުވިއެެވެ.
ސިފައިން ރައްކާތެރިކުރުމަށްޓަައި ފޯސް ޕްރޮޓެކްޝަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރިކަން ފާހަގަކޮށް ޝަމާލް ވިދާޅުވީ އެންމެ ބޭސިކް ކަންކަމަށް އެންމެ ކުރިއްސުރެ ފެށިގެން ސިފައިން ހޭލުންތެރިކޮށް ސިފައިން ޓްރެއިން ކުރުމާއި، ވަކިވަކިން ސިފައިންގެ ތެރޭގައި ވެސް އައިސޮލޭޓްކޮށް، ކަރަންޓީން ކުރުމާއި ބެހޭކަންކަމުގައި މަޝްވަރާ ކޮށް ފަޔަވަޅުތައް އަޅާފައިވާކަމަށެވެ.



