ކޮވިޑް-19 ޖެހިފައިވާ މާބަނޑު މީހާ އޮޕަރޭޝަން ކޮށްފި، ދެމައިންގެ ހާލުވެސް ރަނގަޅު

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މާބަނޑު ދެމީހުންގެ ތެރެއިން އެކަކު ސިޒޭރިއަން ހަދައިފިއެވެ.

އޮންލައިން ނޫސް "ސަން" އިން މާބަނޑު މީހާގެ އާއިލާ އާއި ހަވާލާދީ ބުނެފައިވަނީ، ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށާއި އަންހެން މީހާ ސިޒޭރިއަން ހަދައިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އަދި ލިބުނީ ފިރެހެން ކުއްޖެއް ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަންހެން މީހާއަކީ، އައިޖީއެމްއެޗް އަށް މިމަހުގެ ދެވަނަ ދުވަހު ވިހެއުމަށް ގެންދިއަ މާބަނޑު އަންހެނެކެވެ. އަދި އައިޖީއެމްއެޗްގައި އޮންނަ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު މި އަންހެންމީހާ ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އައިޖީއެމްއެޗް އިން އެމީހާއާއި ކޮންޓެކްޓުވި ނަރުހުންގެ ތެރެއިން 21 ނަރުހަކުވަނީ އެކަހެރި ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ފިރެހެނުންގެ އަދަދަކީ 776 އެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވެފައިވާ އަންހެނުންގެ އަދަދަކީ 128 އެވެ.

ކޮވިޑް-19 ގެ އެކްޓިވް ކޭސަސްގެ އަދަދު 869 އަކަށް އަރައިފައި ވާއިރު 32 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި ތިންމީހަކުވަނީ މިބަލި ޖެހިގެން ނިއާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ