ކޮވިޑް-19 ގެ ޓެސްޓުތައް ހެދުމަށް އަލަށް ރާއްޖެ ގެއްނަ މެޝިންތަކުން 1،000 ވުރެ ގިނަ ޓެސްޓް ދުވާލަކު ހެދޭނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އެންއީއޯސީގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުންދަނީ ޓެސްޓުކުރެވޭ އަދަދު 1،000 ވުރެ ގިނަ ކުރެވޭތޯ ކަމަށެވެ.
"ވަރަށް ބޮޑު މެނުއަލް ލޭބަރ ފޯސްއެއް އިންވޯލްވާ މެޝިނަރީ އަޅުގަނޑުމެން މިހާރު މި ބޭނުންކުރަނީ، ކޮންމެ ސްޓެޕެއްގައިވެސް ލެބޯޓަރީ ޓެކްނީޝަނުން މަސައްކަތްކުރޭ، އަލަށް މިހާރު ގެއްނަން މަސައްކަތްކުރާ މެޝިންތަކަކީ އެއަށްވުރެ ބޮޑު އޮޓޮމޭޓެޑް ޕްރޯސަސް އެއް ހުންނަ މެޝިންތަކެއް" ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހެންކަމުން މިމެޝިންތަކުން ޓެސްޓުކުރެވޭ ސާމްޕަލްތަކުގެ އަދަދު އިތުރުވެ އެއަށް ބޭނުންވާ ލެބް ޓެކްނީޝަނުންގެ އަދަދުވެސް މަދުވާނެ ކަމަށާއި މި ގެއްނަ މެޝިންތަކުން 1،000 ވުރެ ގިނަ ސާމްޕަލް ދުވާލަކު ޓެސްޓު ކުރެވެންވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ރާއްޖޭގައި މިހާރު މިބައްޔަށް ޓެސްޓްކުރެވޭ އަދަދު އިތުރުކުރެވިއްޖެނަމަ މިބައްޔަށް ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ދެނެގަނެވޭނެކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ. މިހާރުގެ ޓެސްޓިން ކެޕޭސިޓީއަކީ 300 އާއި400 އާއި ދެމެދެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ކޮވިޑް-19 އަށް ޓެސްޓްކުރެވޭ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރާއްޖޭގެ އެކިހިސާބުތަކުގައިވެސް މިބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.



