އދ. އޮމަދޫ ކައުންސިލް އަދި އެރަށުގެ ކޮވިޑް-19 ޓާސްކް ފޯސްގެ ހުއްދަނެތި ރަށުން ފުރައިގެން ދާން އުޅުނު އުމުރުން 28 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އޮމަދޫ ކައުންސިލާއި އަދި ޓާސްކްފޯސްގެ ހުއްދަނެތި ރަށުން ފުރައިގެންދާތީ އަނގަބަހުންނާއި ލިއުމުން ނަސޭހަތް ދިނުމުންވެސް އިސްލާހުނުވެ ކައުންސިލާއި ޓާސްކްފޯހުގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މިރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިގޮތުން، ކޯޓު އަމުރުގެ ދަށުން މިރޭ 21:15 ހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށާއި ފުލުހުން މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްރަށުން އަނެއް ރަށަށް ދެވޭނީ ހާއްސަ ހުއްދައަކާއ އެކުގައެވެ. އަދި މިހުއްދަ ދެވެނީ ރަށްރަށުގައި ގާއިމް ކޮށްފައިވާ ކޮވިޑް-19 ޓާސްކް ފޯހާއި އަދި ސޯސަލް ސަޕޯޓު ޑެސްކަށެވެ. މިއާ ހިލާފަށް އެއްރަށުން އަނެއް ރަށަށްދާ ފަރާތްތައް ފުލުހުން އަންނަނީ ހައްޔަރު ކުރަމުންނެވެ.
މިގޮތުން ސިއްރިއްޔާތުގައި ކެނޯފަދަ ތަކެތީގައި އެއްރަށުން އަނެއް ރަށަށްދިޔަ ގިނަ އަދަދެއްގެ ބަޔަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.




