ސްރީލަންކަން އެއާރލައިނުން ރާއްޖެ އަށް ކާގޯ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
ސްރީލަންކަން އެއާރލައިނުން ކޮންމެ ހަފްތާއަކުވެސް ރާއްޖެއަށް މުދާ ހިފައިގެން 3 ދަތުރު ކުރުމަށް ހަމަޖެހިފައި ވެއެވެ. މި ކާގޯ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.
ރާއްޖޭގެ އިތުރުން އެހެން 16 މަންޒިލަކަށް ކާގޯ ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ. ސްރީލަންކަން އެއާލައުނުން ދަތުރުތައް ކުރުމަށް ހަމަޖެހިވާ ގޮތަކީ ކޮންމެ ހަފްތާއަކު 3 ފްލައިޓް މާލެއަށް، ކޮންމެ ހަފްތާއަކު 2 ދަތުރު ޗެންނާއި، ހޮންގްކޮންގް، ލަންޑަން، ސިންގަޕޫރު، ދުބާއީ، ދޯހާ، މެލްބޯން، ބެއިޖިން، ކަންޓޮން އަދި ސަންހާއި އަށެވެ.
މީގެ އިތުރުން މުމްބާއީ، ކަރާޗީ، ލާހޫރު، ދާކާ، ފްރަންކްފާޓް އަދި ޓޯކިޔޯ އަށް ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.
ސްރީލަންކަން އެއާލައިން ބުނެފައިވަނީ ގިނަ އެއާލައިނެއްގެ ދަތުރުތައް މެދު ކަނޑާލާފައިވާ ލޮކްޑައުންގެ މި ހާލަތުގައި މި ކާގޯ ދަތުރުތަކުގެ ސަބަބުން އެކި ގައުމުތަކަށް ފައިދާ ކުރާނެ ކަމަށެވެ.
ސްރާލަންކަން އެއާލައިންގެ އެހެން ދަތުރުތައްވެސް ހުއްޓާލާފައިވާއިރު ލަންކާ ސަރުކާރުންވެސް އަންނަނީ މުދާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ވީހާވެސް އަވަހަކަށް އަލުން ފެށުމަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖެ އަށް ބޭނުންވާ ބައެއް ކާބޯތަކެއްޗާއި އާންމުކޮށް ބޭނުންވާ ބޭހުގެ ވަސީލައްތައް ހިފައިގެން ސްރީލަންކަން އެއާލައިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ޓާކިސް އެއާލައިން ދަނީ ރާއްޖެއަށް ބޭނުންވާ މުދާ ހިފައިގެން ކޮންމެ ހަފްތާއަކު 2 ދަތުރު ކުރަމުންނެވެ. އަދި މޯލްޑިވިއަނުންވެސް އަންނަނީ ގައުމުތަކުން ރާއްޖެއަށް މުދާ ހިފައިގެން ދަތުރުތައް ކުރަމުންނެވެ.




