ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކުގެ ހާލު ތަންކޮޅެއް ސީރިއަސްކަމަށް ޑރ. މުސާ މުރާދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި އެންއީއޯސީގެ ފަރާތުން މިހާރު ކުރިއަަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުރާދް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގައި ޖުމްލަ 10 މީހުންނަށް ފަރުވާދެމުންދާ ކަމަށާއި މިތަނުން ދެމީހަކު ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު ވެންޓިލޭޓަރަށް ނުލައިވާ އެއްބަލިމީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
"ވެންޓިލޭޓަރަށްނުލާ ބަލިމީހުންގެ ތެރެއިން އެކަކުގެ ހާލަތު ތަންކޮޅެއް ސީރިއަސް، އޭނަ ވަރަށް ގާތުން މޮނިޓަރ ކުރެވެމުންދޭ" ޑރ. މުރާދު ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހިގެން ހާލަތު ގާތުން ބަލަންޖެހޭ ފަރާތްތައް ހޮސްޕިޓަލައިޒްޑް ކުރަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިންމީހަކު އެޑްމިޓް ކޮށްފައިވާއިރު ދެމީހަކުވަނީ ވެންޓިލޭޓާގައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 955 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިބަލިން 40 މީހަކު މިހާތަނަށް އައިއިރު ރަނގަޅުވެފައިވާއިރު ތިންމީހަކުވަނީ ނިޔާވެފައެވެ.



