ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ސާމާނު، ކޭޕާކް ރެސިޑެންސްގެ ވެރިޔާ ހަސަން މަމްދޫހް (މަންޑޭ) ބައެއް ރަށްތަކަށް ހަދިޔާ ކުރައްވައިފިއެވެ.
އެގޮތުން މަންޑޭ ރޭ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބެނުންކުރާނެ މާސްކް އާއި ސެނެޓައިޒާ 12 ރަށަކަށް ހަދިޔާ ކުރައްވާފައެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަންޑޭ މި ތަކެތި ހަދިޔާ ކުރައްވާފައިވަނީ ށ. ކަނޑިތީމާއި، ށ. ފޭދޫއާއި، ށ.ގޮއިދޫއާއި، ށ. ބިލަތްފައްސާއި، ށ. ނޫމަރާއާއި، ހއ. އުތީމާއި، ރ. ރަސްމާދޫއާއި، ރ. ފައިނުއާއި، ރ. އިންނަމާދޫއާއި، ހދ. ނޮޅިވަރަމް، ހދ. ނޮޅިވަރަމްފަރު އަދި ބ. ކުޑަރިކިލި އަށެވެ.
މަންޑޭ މިތަކެތި ހަވާލު ކޮށްފައިވަނީ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެވެ. ބ. ކުޑަރިކިލަށް 700 މާސްކާއި 50 ސެނެޓައިޒާ ފުޅި ހަދިޔާ ކުރައްވާފައި ވާއިރު ދެން ކޮންމެ ރަށަކަށް 1000 މާސްކާއި 50 ސެނެޓައިޒާ ފުޅި ހަދިޔާ ކުރައްވާފައެވެ.
މަންޑޭ އަތޮޅުތަކަށް ހަދިޔާ ކުރެއްވި ތަކެތި ހަވާލު ކުރައްވާފައި ވަނީ އެދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެވެ. އެހީ ލިބުނު ދާއިރާތަކުގެ މެންބަރުން ވަނީ މަންޑޭގެ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.
މަންޑޭ ވަނީ އައިޖީއެމްއެޗާއި އެމްއެންޑީއެފް އަށްވެސް މާސްކާއި ސެނެޓާއިޒާ އަދި ބައެއް އެހެން ސިއްޙީ ސާމާނު ހަދިޔާ ކުރައްވާފައެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި ގއ.އަތޮޅާއި އައްޑޫ ސިޓީއަށް ވެސް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވާފައި ވެއެވެ.
ބައެއް ވިޔަފާރިވެރިން އަންނަނީ ކޮވިޑް-19 އާއިގުޅިގެން އެކި ރަށް ތަކަށާއި ފޮރޮންޓްލައިންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މިކަހަލަ އެހީތެރެކަން ވެދައްވަމުންނެވެ. އެގޮތުން މަންޑޭގެ އިތުރުން ހެޕީމާކެޓުންވެސް އަންނަނީ ބައެއް ރަށްތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.




