މީގެ ހަފްތާއެއްގެ ކުރިން ރޭންޑަމް ސާމްޕަލްއިން ޕޮޒިޓިވްވި ތިންމީހަކު ފިލައިފައިވާއިރު މިމީހުންގެ ތެރެއިން މިހާތަނަށް ނުފެނިވަނީ ދެމީހުން ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ފިލި ތިންމީހުންގެ ތެރެއިން އެކަކު މިހާރުވަނީ ހޯދިފައި ކަމަށާއި ބާކީ ނުފެނި ތިބީ ދެމީހުން ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބަޔެއް ފިލައިފައިވާކަން އެންއީއޯސީގެ ފަރާތުން ހާމަކޮށްފައިވަނީ ރޭ އެ ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ފިލައިގެން ދިޔަ މީހުން ނެތްކަން އެނގުނީ އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެކަހެރި ކުރަން ވެގެން ބެލިއިރު ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް އަޒީޒް ވިދާޅުވީ ހަތް ބިދޭސީއަކާއި ގުޅޭނެ ގޮތް ނުވެގެން އެމީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރި ކަމަށެވެ. މީގެތެރެއިން ތިންމީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޯދަމުންދާ ތިންމީހުން ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީންކަންވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން ޕޮޒިޓިވްވި ބަންގުލަދޭޝް ރައްޔިތުންގެ އަދަދުވެސް އުޅެނީ 500 އިން މަތީގައެވެ.




