ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ވައި ނުސާފުވުމުގެ ސަބަބުން ބެންކޮކްގެ ސްކޫލްތައް އެއް ހަފުތާ އަށް ބަންދުކޮށްފި އެވެ.
ބެންކޮކްގެ ވައި ނުރައްކާ ދަރަޖައަށް ނުސާފުވުމާއި ގުޅިގެން ބެންކޮކްގެ 400 އަށް ވުރެ ގިނަ ސްކޫލް ބުދަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ. އަދި ބެންކޮކް ވަށައިގެންވާ ޕްރޮވިންސްތަކުގެ ސްކޫލްތައް ވެސް މިއަދާއި މާދަމާ ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.
ވައި ނުސާފުވުމުން ތައިިލެންޑުން މިހާރު ވަނީ އާޓިފިޝަލް ވާރޭ ވެއްސަން މަސައްކަތް ފަށައިފަ އެވެ. އާޓިފިޝަލް ވާރޭ ވެއްސަނީ "ކްލައުޑް ސީޑިން" އަށް ބޭނުންކުރާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ.
ބެންކޮކުގެ ވައި ނުސާފުވެފައި ވަނީ ވެހިކަލްތަކުން އަރާ ދުމުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން އަރާ ކުނޑި އާއި ދުމުގެ ސަބަބުންނެވެ.