ކޮވިޑް-19 ގެ ކަންކަމުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށާއި އަދި އެނޫންވެސް ފަރާތްތަކަށް މިރޭ ވަރަށް ފުޅާދާއިރާއެއްގައި ސައިބަރ އެޓޭކެއް ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިރޭކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޑޮކްޓަރުންނަށާއި އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޓްސްއަޕް އެކައުންޓްތަކަށް އެބޭފުޅުންގެ ކޮންޓެކްޓުގައިވާ އެކައުންޓުތައް މެދުވެރިކޮށް ކޯޑް މެސެޖެއްގެ ލިންކް ފޮނުވަމުންދާ ކަމަށާއި އެ ލިންކުތަކަށް ނުވެއްނެވުމަށް އެދޭ ކަމަށެވެ.
"މިއީ ޑޮބްލިކޭޓް ޕްރޮފައިލްތަކުން އަންނަ ސައިބަރ އެޓޭކެއް، އެކޯޓް އަދި ޕާސްވޯޑުވެސް އެއްވެސް ފަރާތަކަށް ހިއްސާ ނުކުރައްވާތި" ފުލުހުންގެ ޓުވީޓުގައި ބުނެފައި ވެއެވެ.
ATTENTION ALL DOCTORS & frontliners during #COVID19Maldives:
Many people are receiving links through WhatsApp with a code message from their contacts. DO NOT CLICK on suspicious links even if it’s from a contact! Those are cyber attacks coming from duplicated profiles. 1/2
— Maldives Police (@PoliceMv) May 14, 2020
ކޮވިޑް-19 ގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޓްސްއަޕް އެކައުންޓްތައް ހެކުކުރުމުގެ މަސައްކަތްތަކެއް ބަޔަކު ކުރަމުންދާކަން ފުލުހުން ހާމަކޮށްފައި މިވަނީ، ބަޔެއް ޑޮކްޓަރުންގެ ވަޓްސްއަޕް އެކައުންޓުތައް ހެކުކޮށްފައިވާ ކަމަށް ބުނެ ބަޔެއް ޑޮކްޓަރުން މީސްމީޑިއާގައި މިކަމުގެ ކަނބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޑޮކްޓަރުން ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތަކަށް ސައިބަރ އެޓޭކެއް ދޭން ފަށާފައި މިވަނީ މީގެ ދެހަފްތާ ކުރިން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ވެބްސައިޓް ހެކްކޮށްފައިވަނިކޮށްކަންވެސް ފާހަގަ ކޮށްލެވެއެވެ.




