ފެށުން ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ޑެވިލްޑް ޗިކަން ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 900ގ ކުކުޅު މަސް ( ކޮށާފައި)
- 2 ފިޔާ
- 4 ލޮނު މެދު ( ގާނާފައި)
- 1 މސ އިނގުރު ( ގާނާފައި)
- 3 ޓޮމާޓޯ ( 4 ފަޅިއަށް ކޮށާފައި)
- 4 ކެޕްސިކަމް (3 ފަޅިއަށް ކޮށާފާއި)
- 3 ގްރީން ޗިލީ ( ހަނިދިގަށް ފަޅިކޮށްފައި)
- 1/2 މސ. ދިރި (މުގުރާފައި)
- 2 ސސ. ތެޅި މިރުސް
- 1 މސ. ކާފޫރުތޮޅި (މުގުރާފައި)
- 1/2 ޖޯޑު ޓޮމާޓޯ ސޯސް
- 1/2 ޖޯޑު ޗިލީ ސޯސް
- 12 މސ. ސޯޔާ ސޯސް
- 1 ސސ. އަސޭމިރުސް
- 1/2 ޖޯޑު ފެން
- 1 ސސ. ހަކުރު
- ލޮނު (ރަހަލާވަރަށް)
- ތެޔޮ
ތައްޔާރުކުރާނެގޮތް:
ޑެވިލްޑް ޗިކަން ތައްޔާރުކުރުމަށްޓަކައި، ފުރަތަމަ މުގުރާފައިހުރި ދިރި، ކާފުރުތޮޅި، ތެޅި މިރުސް އަދި ލޮނު އެއްކޮލުމަށްފަހު ކުކުޅުތަކުގައި ހާކާފައި ބަހައްޓާށެވެ. ދެން އެއަށްފަހު ތެއްޔަކަށް ތެޔޮ އަޅާލާފައި އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮގަނޑު ކެކިގަތުމުން ކުޑަކޮށް ރަތް ކުލަ އަރާވަރަށް ކުކުޅުކޮޅު ތެލުލާށެވެ.
އެހެން ތަވައެއް އުނދުން މައްޗަށް އުދުމަށްފަހު ކޮށާފާއިހުރި ފިޔާކޮޅު އަޅާ، ފިޔާ ރަތްވުމުން އޭގެތެރެއަށް އިނގުރު އަދި ލޮނު މެދު އަޅާށެވެ. އަދި ޓޮމާޓޯ، ކެޕްސިކަމް، އަސޭމިރުސް، ތެޅި މިރުސް އަދި ތޮޅި މިރުސް އޭގެތެރެއަށް އަޅާ މަޑުގިނީގައި ހަނާކުރާށެވެ. ދެން ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ސޯޔަ ސޯސް، ހަކުރު އަދި ފެން އޭގެތެރެއަށް އެޅުމަށްފަހު 2 މިނެޓް ވަންދެން ރަނގަޅަށް އެއްކުރާށެވެ.
މިގޮތަށް ހުރިހާ ބާވަތެއް އަޅާ ރަނގަޅަށް ކެކުމުން ދެން ތެލުލާފައިހުރި ކުކުޅުއަޅާ ކުކުޅުގައި ސޯސްގަނޑުގެ ރަހަ ރަނގަޅަށް ހިފަންދެން ކެއްކުމަށްފަހު އުނދުން މަތިން ބާލާށެވެ.
މިހާރު މިވަނީ ޑެވިލްޑް ޗިކަން ތައްޔާރުކޮށް ނިމިފައެވެ،




