ލޮކްޑައުން ވަރުގަދަކޮށް، ބާޒާރުކުރުމުގެ ފުރުޞަތު ހަފްތާއަކު އެއްފަހަރު

ކޮވިޑް-19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ، މާލޭ ސިޓީގެ ލޮކްޑައުން ވަރުގަދަކުރަން ނިންމައިފިއެވެ.

ލޮކްޑައުންގައި މާލޭ ސިޓީގައި ބޭރަށް ނިކުމެ އުޅުމަށް ހެދިފައިވާ އުޞޫލު އިތުރަށް ހަރުކަށި ކޮށްފައިވާކަން ހާމަކޮށްފައިވަނީ މިރޭ މެންދަމު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރެއްވި ޓްވީޓަކުންނެވެ.

ފުލުހުން ވިދާޅުވީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

"2020 މެއި 17 ވަނަ ދުވަހުން ފެށިގެން ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނެވޭނެ. މިގޮތުން،ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު 1 ފަހަރު. ތިޔަ ބޭފުޅުންނަށް ކަނޑައެޅިފައިވާ އާ ގަޑިތައް އާ މެސެޖަކުން ލިބިވަޑައިގަންނަވާނެ. އަލުން ރެޖިސްޓަރކުރައްވަން ނުޖެހޭނެ." ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ބައެއް ވަގުތުތަކުގައ،ި ޢާއްމުންނަށް ސިނަމާލު ބުރިޖު ބަންދުކުރުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ. އެގޮތުން މެންދަމު 01:00 އިން ހެނދުނު 09:00 އަށް ސިނަމާލެ ބުރިޖުން ޢާއްމު ފަރާތްތަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި، އެވަގުތުތަކުގައި ބްރިޖް ބޭނުންކުރެވޭނީ ކޮންމެހެން ބޭނުންކުރަންޖެހޭ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްތަކަށާއި ސަލާމަތީ ބާރުތަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ، ވިލިމާލެ، ހުޅުމާލެ، އަދި ގުޅީފަޅު ހިމެނޭ ގޮތުން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރުމަށްވެސް އިއްޔެ ވަނީ ނިންމާފައެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 982 އަށް އަރާފައިވާއިރު، 932 މީހަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 46 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ