އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލްގެ އަލަތު ދަރިފުޅު އާއްމުންނަށް ދައްކާލައިފިއެވެ.
އަލަތު ދަރިފުޅު އާއްމުންނަށް ދައްކާލާފައިވަނީ، ވިންޑްސަރ ކާސަލްގެ ހޯލުގައެވެ. މިގޮތުން ފިރިހެން ދަރިފުޅު އާއްމުންނަށް ދައްކާލިއިރު ދަރިފުޅު އޮންނެވީ ޕްރިންސް ހެރީގެ އަތްޕުޅުގައެވެ. އަދި ދަރިފުޅުގެ މަންމާފުޅު މޭގަން ކައިރީގައި ހުންނެވިއެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ އަލަތު ދަރިފުޅު އުފަންވެފައިވަނީ، 2019 މެއި 6 ވީ ހޯމަ ދުވަހުއެވެ. މިއީ ވިހެއުމަށްފަހު އާއްމުންނަށް މޭގަން ފެނިލި ފުރަތަމަ ފަހަރުވެސް މެއެވެ.

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލްގެ އަލަތު ދަރިފުޅަށް ތިން ދުވަސްވީއިރު އަދި ނަމެއް ކިޔާފައެއް ނުވެއެވެ. ނަމަވެސް ކިޔާނެ ނަމަކާ ދޭތެރޭ ވިސްނަމުންދާކަމަށް އާއިލާއިން ބުނެއެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ދެ ކަނބަލުންނަށް ދަރިއަކު ލިބިވަޑައިގަންނަވާކަން ޝާހީ އާއިލާ އިން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޕްރިންސް ހެރީ އަކީ އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުންނެވެ. ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް 2011 ގައި ކޭޓް މިޑްލްޓަންއާ ކައިވެނި ބައްލަވައިގެންފައިވާ އިރު، ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.