ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހިންގަމުންދަނީ ވަރަށް އިންސާފުވެރިކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރައްވާ 86 ދާއިރާގެ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް ބޭއްވުނު ހަރަކާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ، އިލެކްޝަން ކޮމިޝަން އިންސާފުވެރިކަމާއެކީ ގައި ހިންގަވަމުން ގެންދަވާކަމާއި، އެކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ.
ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް އެމްޑީޕީގެ ހުރިހާ މެންބަރުންގެ ފަރާތިން އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާ" ނަޝީދު ގޮވާލެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހިނގަނީ ވަރަށް އިންސާފުވެރިކޮށް ކަމަށް ނަޝީދު ވިދާޅުވިއިރު، ސަރުކާރާ އިދިކޮޅު ޕީޕީއެމް އިން ބުނަމުންދަނީ އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުން "ވައްކަން" ކޯށްފައިވާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް އެ ތުހުމަތުތައް އިލެކްޝަނުން ވަނީ ދޮގުކޮށްފައެވެ.
މަޖިލިސް އިންތިޚާބަށް ބޯމަތިވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރިތަށް ވަމުންނެވެ. އެގޮތުން އިންތިޚާބަށް އޮފިޝަލުން ހޯދުމާއި، ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމުގެ އިތުރުން އިދާރީ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް އަދި ނައިބު ރައީސް އަމްޖަދު މުޞްޠަފާގެ އިތުރުން މެންބަރު އަޙްމަދު އަކްރަމް، އިސްމާއީލް ޙަބީބު ޢަބްދުއްރަހީމް އަދި ޢަލީ ނަސާތުއެވެ.