އައު ޓަރމިނަލްގެ މަސައްކަތް އަންނަ ޖޫން މަހު އަލުން ފަށާނެ - އިބްރާހިމް އަމީރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް އަންނަ ޖޫން މަހު އަލުން ފަށާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިބްރާހިމް އާމިރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުއެއް ގައެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ކުރަމުން އަންނަނީ ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށާއި މި މައްސަލަތައް ހައްލުކޮށް އާ އެގްރިމެންޓަކާއެކު މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏެއްކަމަށްވާ ސައުދީ ބިންލާދިން ގްރޫޕުންނެވެ.

ޓަރމިނަލްގެ މަސައްކަތް ކުރަމުންދަނީ، ފަށާތާ 3 އަހަރުދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާލުމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ. 

އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް