ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން  އިއުލާންކޮށްފިއެވެ.

ސަލްޓަން ޕާކްގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް ނިމިދިޔަ ސަރުކާރުން ނަގާފައިވަނީ އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމަށެވެ. މިހާރު މި މިސްކިތް ބެހެއްޓުމަށް ނިންމާފައިވަނީ މެދުޒިޔާރަތްމަގާއި ޗަންދަނީމަގު ގުޅޭ ކަންމަތީގައެވެ.

ކަޅުވަކަރު މިސްކިތް ރާވައި ބެހެއްޓިނަމަވެސް އެ މިސްކިތުގައި ބަންގި ގޮވައި ހެދުމަކަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް އެ ތަނުގައި ބޭނުން ކޮންމެ މީހަކަށް ނަމާދު ކުރެވޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

ކަޅުވަކަރު މިސްކިތް ރާވައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައިހުރި ހަމައެކަނި މިސްކިތެކެވެ. މިސްކިތް ހަދާފައިހުރި ގޮތުން މިސްކިތް އެހެން ތަނަކަށް ބަދަލުކުރަން ޖެހުނުނަމަ ވެސް މިސްކިތުގެ ރޭވުމަށާއި ވަޑާމަށް ބަދަލެއް ނާދެއެވެ. ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް