ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އެސްޖީގެ މަގާމުން މިދިޔަ ހުކުރު ދުވަހު ސަމީރު އިސްތިއުފާދެއްވީ ދައުލަތުގެ މުހިއްމު މަސައްކަތްތައް ކުރައްވަން ޖެހޭތީ އާއި ދުވަހުން ދުވަހަށް ޕާޓީ ހިންގެވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ދަތިވާތީ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އެސްޖީގެ މަގާމާ 2014 ވަނަ އަހަރުގެ މެދުތެރޭގަ ސަމީރު ހަވާލުވެވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ގިނަ މަސައްކަތްތަކުގައި އިސް ސަފުގައި ސަމީރު ވަނީ މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.
"ސަމީރުގެ މަސައްކަތަށް ޕާޓީގެ ލީޑަޝިޕާއި ލީޑަރު އަދި އެންމެހާ މެންބަރުން ޝުކުރު އަދާކުރައްވައި އަދި ކުރިއަށް އޮތް ތަނުގައި ވެސް ޖޭޕީއަށް ސަމީރުގެ ހިދުމަތް ލިބޭނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވި،" ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު "މިހާރު" އަށް ވިދާޅުވެފައިވެއެވެ.
ސަމީރުގެ ބަދަލުގައި ޖޭޕީގެ އެސްޖީއަކަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ވަނީ ހަމަޖައްސަވާފައެވެ. އަދި ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ މޫސާ މުޝްތާގު ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް އައްޔަންކުރައްވައިފަ އެވެ.
ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުގައި އޮތް ނަމަވެސް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވާދަކުރައްވަނީ ވަކިންނެވެ.