ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި، ގަސްތަކުގެ ތެރެއަށް ވަދެ ކާރަށް ގެއްލުންތަކެއް ވެެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ރީތިގަސްމަގުން މިއަދު ހެނދުނު ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ގަސްތަކުގެ ތެރެއަށް ވަދެ، ކާރުގެ ކުރީ ބަފަރު ހަލާކުވެފައިވާ ކަމަށެވެ. އަދި އެވަގުތު ކާރުގައި ހުރީ ޑްރައިވަރު އެކަނި ކަމަށާއި އޭނާއަށް އެއްވެސް ގެއްލުމެއް ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް ކާރު ކޮންޓްރޯލުން ނެއްޓި ގަސްތަކުގެ ތެރެއަށް ވަންނަން ދިމާވި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.
ރަމަޟާން މަހާއެކު އަނެއްކާވެސް މިވަނީ ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދިޖެހިގެން ބަސް ދަށުވެ ޔޫކްރެއިން އަންހެނަކު މަރުވެފައިވާއިރު، އޭގެ ފަހުންވެސް ބަސް ޑްރައިވަރަކަށް ނިދިޖެހި ކާރަކާ ބަސް ޖެހި އެކްސިޑެންޓްވެފައިވެއެވެ. މީގެ އިތުރުން ސައިކަލް އެކްސިޑެންޓްތައްވެސް ހުޅުމާލޭގައި ވަނީ އިތުރުވެފައެވެ.
ހުޅުމާލޭގެ އިތުރުން މި ރަމަޟާން މަހު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަގުގެ ޑިވައިޑަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހައުސިންގ މިނިސްޓަރ އާތިފާގެ ކާރުކޮޅު ސައިކަލަކާ ޖެހި މާލޭ ރިންގް ރޯޑުގައިވެސް އެކްސިޑެންޓެއް ހިނގާފައިވެއެވެ.