ކޯސްޓްލައިން ކުންފުނިން 304.1 މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ހޯދުމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސިވިލް ކޯޓްގައި ދައުވާކުރައްވައިފިއެވެ.
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ގޮނޑި ދިފާއު ނުކުރެއްވުނު ގައްދޫ ރަޝީދު ސިވިލް ކޯޓުގައި ދައުވާކުރެއްވީ، ކޯސްޓްލައިންއިން ރިސޯޓް ތަރައްގީ ކުރުމަށް ބ. އަތޮޅުން ނަގާފައިވާ ފިނޮޅަހާއި މުއްދޫ އަދި ކަނިފުށި ތަރައްގީ ކުުރުމުގެ މަސައްކަތްތަކެއް ކުރުމަށް އޭނާއާ ހަވާލު ކުރުމަށް ފަހު، އެ މަސައްކަތްތައް އޭނާގެ އަތުން އަތުލައި އެހެން ފަރާތަކަށް ހަވާލުކުރުމުން ލިބުނު ގެއްލުމާއި އެ ހިސާބަށް އޭނާ ކޮށްފައިވާ މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށެވެ.
ބޮޑު ބަދަލުގެ ހުލާސާ:
- ތިން ރަށުގައި ރިސޯޓް ތަރައްގީ ކުރުމަށް ރަޝީދުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް 48.77 މިލިއަން ރުފިޔާ
- އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް 8.06 މިލިއަން ރުފިޔާ
- އިންވޮއިސްތަކަށް ފައިސާ ނުދެއްކުމުން ލިބުނު ގެއްލުމަށް 247.26 މިލިއަން ރުފިޔާ
ރަސީދު ކުރި ދައުވާގައި ބުނެފައިވަނީ، އޭނާއާ ހަވާލުކޮށްގެން ބ. މުއްދޫގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެ ރަށް ކުއްލިއަކަށް ދުސިތާނީ މޯލްޑިވްސް އަށް ކޯސްޓްލައިން އިން ވިއްކާލާފައިވާ ކަމަށާއި، އެ ރަށުގައި ކުރި އެ މަސައްކަތްތަކުގެ އިންވޮއިސްތައް ފޮނުވި ނަމަވެސް އަދި ދުސިތާނީ މޯލްޑިވްސް އިން ކޯސްޓްލައިންއަށް ފައިސާ ދިން ނަމަވެސް، ރަޝީދަށް އެއްވެސް ފައިސާއެއް ކޯސްޓްލައިނުން ދީފައި ނުވާކަމަށެވެ.
އިތުރަށް ދައުވާގައި ބުނެފައިވަނީ، އިންވޮއިސްތަކަށް ފައިސާ ނުދީ ގިނަ ދުވަސްވުމުގެ ސަބަބުން ރަޝީދަށް ބޮޑެތި މާލީ ގެއްލުން ވެފައިވާ ކަމަށާއި، އެއްބަސްވުން ބާތިލުނުކޮށް ބާއްވައިގެން، އެއްބަސްވުމުގެ ދަށުން ރަޝީދުއާ ހަވާލުކުރި ބައެއް މަސައްކަތްތައް ވާދަވެރި އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވުމަކީ އެއްބަސްވުމާ ކޯޓްލައިނުން ހިލާފުވުން ކަމަށެވެ.
ރަޝީދު ދައުވާ ކުރައްވާ މައްސަލާގައި ހިމެނޭ ގިނަ ރަށްތަކުގައި ރިސޯޓު ހަދައި އަންނަނީ ހިންގަމުންނެވެ.