ހއ. ބާރަށް

ބާރަށު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ

ހއ. ބާރަށު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވުމުގެ ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މިއީ ލޮކްޑައުންގެ ތެރޭގައި ހިނގި މިފަދަ ތިންވަނަ ހާދިސާއެވެ.

އާއިލާއިން ބައެއް މީޑިއާތަކަށް ބުނެފައިވަނީ ލޮކްޑައުންގެ ސަބަބުން ޑޮކްޓަރަށް ދައްކަން ބާރަށުން ދިއްދުއަށް ނުދެވި ލަސްތަކެއް ވުމަށްފަހު ދިއްދުއަށް ދަތުރުކޮށް ޑޮކްޓަރަށް ދެއްކިފައިވަނީ އިއްޔެ ކަމަށާއި، އޭރު ބަނޑަށް ހަ މަސް ފުރިފައިވާ ކަމަށެވެ.

އާއިލާ އާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ އެ ދެމަފިރިން ދިއްދު އަށް ދިއުމުން ޑޮކްޓަރު ބަލާފައި، ދަރިފުޅުގެ ވިންދު ނެތް ކަމަށާއި، ކުޅުދުއްފުއްޓަށް ދިއުމަށް އެންގި ކަމަށާއި، ކުޅުދުއްފުއްޓަށް ދިއުމުންވެސް ބުނެފައިވަނީ ދަރިފުޅުގެ ވިންދެއް ނެތް ކަމަށާއި، ދަރިފުޅު ނިޔާވެފައި އޮތް ކަމަށޭ ބެލެވޭތީ އެޑްމިޓް ކުރަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެ ހޮސްޕިޓަލުން ބުނެފައިވަނީ އަލުން ދިއްދުއަށް ދާން ކަމަށާއި، އެ ހިސާބުން އެ ދެމަފިރިން އެނބުރި ބާރަށަށް ގޮސްފައިވާ ކަމަށެވެ.

ކަން އެހެން ދިމާވެ އެ ދެމަފިރިން ބާރަށުގައި ހުއްޓައި، މާބަނޑު މީހާގެ ބަނޑުގައި ރިއްސަން ފެށުމުން އެރަށު ޞިއްހީ މަރުކަޒުން ލަފާ ދީގެން އިއްޔެ ދިއްދޫއަށް ދިއުމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާކަމަށާއި، މި ހުރިހާ ދަތުރެއްވެސް ކުރަންޖެހެނީ އަމިއްލައަށް ކަމަށް އާއިލާއިން މީޑިއާތަކަށް ބުނެފައިވެއެވެ.

މިއީ ލޮކްޑައުންގެ ތެރޭގައި ބަނޑަށް ނިޔާވި ތިންވަނަ ކުއްޖާއަށްވީއިރު، މީގެ ކުރިން އއ. ތޮއްޑޫ އަދި ނަރުދޫ އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވެއެވެ. އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެކުދިންވެސް ނިޔާވެފައިވެއެވެ.

ލޮކްޑައުންގެ ސަބަބުން ބޭސްފަރުވާއަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައިވެސް ދަތިތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ފުލުހުން ބުނެފައިވަނީ ކޮންމެ ބޭނުމަކު ނަމަވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ކުރާ ދަތުރުތަކުގައިވެސް ދިއުމަށާއި، އެނބުރި އައުމަށްވެސް ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ.

ކުއްލި ގޮތަކަށް ކުރަންޖެހޭ ދަތުރުތަކަށްވެސް ފުލުހުންގެ ހުއްދަ ހޯދަންޖެހޭއިރު، ފުލުހުންގެ ހޮޓްލައިނަށް ގުޅުމަށް ޢާއްމުގޮތެއްގައި 10 މިނެޓާއި 25 މިނެޓާއި ދެމެދުގެ ވަގުތެއް ހޭދަވެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ