ކުރީގެ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށާއި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގް ނުކޮށް އަނބުރާ ފޮނުވާލައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ، ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ބިލް އަނބުރާ ފޮނުވާލެއްވީ، އަލުން ވިސްނެވުމަށް އެދިވަޑައިގެން ކަމަށެވެ. އެ ބިލް މިހާރު އޮތީ، ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށް ފާސްކުރި ބިލުގައިވަނީ، ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި މަހަކު 35،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެވެ. އަދި ފަނޑިޔާރުންނަށް އިނާޔަތްދޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އެވެ.



