އެތައް ހާސް ރައްޔިތުންންނެއް ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުންދާ ދައުލަތުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޚާލަތު ރަނގަޅުކުރުމަށް ސަރުކާރާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.
ޞިއްޙީ ދާއިރާއަށް އިހުމާލުވަމުންދާކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށް، ރޭ ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އައިޖީއެމްއެޗް ނުބެލެހެއްޓި ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުންދާތީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"... ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކޮށް އެކަން ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މި ޕާޓީއިން އަދުގެ ސަރުކާރަށް ގޮވާލަން." ޕީޕީއެމްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމް އިން ވިދާޅުވީ، ޞިއްޙީ ދާއިރާއަކީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ލިބެންޖެހޭ ދާއިރާއަށްވެފައި، މި ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ޚީދުމަތް ނުލިބުމަކީ އެ ޕާޓީއިން ކޮންބޮޑުވާ މައްސަލައެއް ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ޞިއްޙީ ދާއިރާއަށް އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ކަމަށާއި، އޭގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް އުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކޮށް، އެ ހޮސްޕިޓަލްގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ޕީޕީއެމް އިން ގޮވާލިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ މެދުގައި ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، އެ ހޮސްޕިޓަލްގެ އެމަޖެންސީ ބައިގެ އޭސީ ހަލާކުވެ ހޫނު ގަދަވާކަމުގެ ޝަކުވާ ބޮޑުވެފައިވާތާ ދެ މަހަށްވުރެ ގިން ދުވަސް ފަހުންނެވެ.