ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް 600 ކޭސް ކަދުރު ހަދިޔާކޮށްފިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި ކަދުރުތައްވެސް ބެހުމަށް ހަމަޖެހިފައިވަނީ، ސަޢުދީން ދިން ކަދުރު ބަހާ އުސޫލުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިއަހަރު ކަދުރު ބެހުމުގައި އިސްކަންދޭނީ އެންމެފުރަތަމަ ފަގީރުންނަށްކަމަށް އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
މިގޮތުން މާލޭގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓްގެ އުސޫލުންނެވެ. އެގޮތުން ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ.
ރަމަޟާން މަހާއި ދިމާކޮށް އިސްލާމީ ބައެއް ޤައުމުތަކުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.