ރިޕޯޓްތައް ހުށަނާޅާ އަދި މުއްދަތު ހަމަވިފަހުން ހުށަހެޅި ޕާޓީތަކާއިމެދު އަޅާނެ ފިޔަވަޅެއް މާދަމާ ނިންމަނީ

ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ހުށަނާޅާ އަދި މުއްދަތު ހަމަވިފަހުން ހުށަހެޅި ފަރާތްތަކާއިމެދު އަޅާނެ ފިޔަވަޅެއް މާދަމާ ބާއްވާ ބައްދަލުވުމުން ނިންމަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓާއި އަދި އޮޑިޓް ރިޕޯޓް ޑީއާރުޕީ އާއި އަދާލަތު ޕާޓީން ހުށަ ނާޅާ އިރު، ޕީޕީއެމުން އަހަރީ ރިޕޯޓު ހުށަހެޅީ މުއްދަތު ހަމަވެފައިވަނިކޮށް މިއަދެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެއްވެސް ޕާޓީއަކުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައި ނުވާނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވަނީ ދައުލަތުގެ ބަޖެޓުންދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި އިލެކްޝަނުން އަމަލު ކުރާނެ ގޮތްތައް ވެސް ކަނޑައަޅާފަ އެވެ. އެގޮތުން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ޕާޓީތަކަށާއި، އަދި ޕާޓީތަކުގެ މަގުސަދުތައް ހާސިލް ކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަވާ ޕާތީތަކަށް ފައިސާ ނުދީ ހިފެހެއްޓިދާނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް