ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އެއް އަހަރު ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 6:44 ހާއިރު ހިނގި މިއެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ކުޑަ ކުއްޖަކުން ގޮވައިގެން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ހައިވޭ ރާޑަރު ކައިރީ ފެންސްގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 46 އަހަރުގެ ފިރިހެން މީހާގެ ދަތްދޮޅިއާއި ދެ ކަކޫ އަދި އުޅަނބޮށިވެސް މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، ސައިކަލުގައި އިން އެއް އަހަރާ ނުވަ މަހުގެ ކުއްޖާއަށްވެސް ވަނީ އެކްސިޑެންޓްގައި އަނިޔާތަކެއް ވެފައެވެ. އެގޮތުން ބޮލުގެ ކަނާތް ފަރާތުން ތިން އިންޗި ހުންނަ ވަރު ތަނެއް ކަފައިގެން ގޮސްފައިވެއެވެ. އެ ކުއްޖާ ބޮލުގެ ސީޓީ ސްކޭން ހެދުމަށް އޭޑީކޭއަށް ގެންދެވި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާއާއި ކުޑަ ކުއްޖާވެސް އިނީ ހެލްމެޓް އަޅައިގެން ކަމަށާއި، ބެލްޓްވެސް އަޅައިގެން ކަމަށެވެ. އަދި ދުއްވަން އިން މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.