ލަންކާގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ދިވެހިން ނުބޭތިއްބޭނެ ކަމަށް އެތަނުގެ މެނޭޖްމަންޓުން އަންގައިފިއެވެ.
ލަންކާގެ ކޮލަމްބޯގައި މީހުން ދިރިއުޅޭ އިމާރާތެއްގެ މެނޭޖްމަންޓުން އެގޮތަށް އެންގިއިރު އެ ގައުމުގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު، މުސްލިމުންދަނީ ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
ސްރީ ލަންކާގެ އެޕާޓްމަންޓް ބިލްޑިންގެއްގެ ޕެންޓް ހައުސް އެޕާޓްމެންޓް ކުއްޔަށް ނަގައިގެން އުޅޭ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޔުނިވަސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހުމަދު މާހިރު ދީދީ، އޭނާގެ އެޕާޓްމެންޓް ހިމެނޭ ބިލްޑިންގުން ބޭރުވުމަށް، އެތަނުގެ މެނޭޖްމަންޓުން އީމެއިލުން އަންގާފައިވާ ކަމަށް އަހުމަދު މާހިރު ދީދީ، ލަންކާގެ "އައިލެންޑް ފައިނޭޝަލް ރިވިއު" އަށް ދެއްވި އިންޓަވިއުއެއްގައިވަނީ ވިދާޅުވެފައެވެ.
"މި ޕެންޓް ހައުސް އަކީ އަޅުގަނޑު އެތައް އަހަރެއް ވަންދެން ނަގައިގެން އުޅޭ ތަނެއް. އަޅުގަނޑު ލަންކާ އަށް އަންނަ ކޮންމެ ފަހަރަކު މި ތަނުގައި މި އުޅެނީ. ދުވަހަކު ވެސް ބަލައިނުގަނެވޭ ފަދަ އެއްވެސް ކަމެއް މި ތަނުގައި ކޮށްފައެއް ނޯންނާނެ. އަދި އަޅުގަނޑު މިތަން އެހެން ބަޔަކަށް ކުއްޔަށް ދީފައެއް ވެސް ނުވާނެ." މާހިރު ދީދީ ވިދާޅުވެފައިވެއެވެ
ޕެންޓް ހައުސްއިން ބޭރުވުމަށް ބުނެ އެތަނުގެ މެނޭޖްމެންޓުން ކޮށްފައިވާ މެއިލްގައި ބުނެފައިވާ ގޮތުން، ދިވެހިންނަށް އެ އިމާރާތަށް ނުވަންނަން އަންގާފައި ވަނީ ބޮން ގޮއްވާލި ހާދިސާތަކާ ގުޅިގެންކަމަށް މާހިރު ދީދީ ވިދާޅުވިއެވެ.
އޭނާއަކީ އެއްވެސް އިރަކު ޓެރަރިޒަމާއި ނޭދެވޭ އަމަލުތަކަށް ހިތްވަރު ދެއްވި ބޭފުޅެއް ނޫންކަމަށާއި އަދި އަބަދުވެސް ލޯބި ކުރައްވަނީ އަމާންކަމާއި ސުލްހަވެރި ކަމަށްކަން މާހިރު ވިދާޅުވެފައިވާއިރު މާހިރު ކުޑައިރުއްސުރެ އުޅުއްވި ގައުމު ކަން ފާހަގަ ކުރައްވައި، މާހިރު ވިދާޅުވީ، ވަކި ބަޔަކަށް ވީތީ މިހާރު އެ ގައުމުގައި އަމަލު ކުރަމުންދާ ގޮތުން އޭނާ ލަންކާގައި ކުރުމަށް ގަސްދުކުރާ އިންވެސްޓްމަންޓްތަކާ މެދު ވެސް ދެވަނަ ވިސްނުމަަކަށް ދާން ޖެހިފައިވާ ކަމަށެވެ.
އެބިލްޑިންގެ އިންޓެލިޖެންސް މަޢުލޫމާތަކަށް ބިނާކޮށް އެއިމާރާތުންގައި ދިވެހިންނަށް ނޫޅެވޭނެކަމަށް އެންގިއިރު އެއީ ކޮން އިރަކު އަދި ކޮން ފަރާތަކުން ދިން މައުލޫމާތުތަކެއް ކަން އެތަނުގެ މެނޭޖްމަންޓުން ހާމަ ނުކުރާކަމަށް މާހިރު ދީދީ ވިދާޅުވިއެވެ.
ލަންކާއަށް ދިން ބޮން ގޮއްވާލުމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާ އިރު، އެހަމަލާތަކުގެ ޒިންމާ ނަގާފައި ވަނީ، ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް އައިސްއިންނެވެ. އެ ހަމަލާގައި އަމަލީ ގޮތުން އެއްވެސް ދިވެއްސެއް ބައިވެރިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ސިފައިން ގެތައް ޗެކް ކުރި ކުރުމުގައި ބައެއް ދިވެހިންވެސް ވަނީ ހައްޔަރު ކޮށްފައެވެ.