ވެރިކަމުގެ ފަސް އަހަރު ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއް ގައެވެ.
ދަ ހިންދޫ ނޫހުގެ ފަރާތުން ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ޝާހިދަށް ސުވާލު ކުރެއްވުމުން އެކަމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މީގެކުރިން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރިން ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދިނުމުގެ ޤާބިލުކަން ސަރުކާރު ކޯލިޝަނަށް ލިބިފައިވާ ކަމަށާއި ކުރިއަށްއޮތް ފަސް އަހަރު ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ޝާހިދު މި އިންޓަރވިއުގައި އިތުރަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިން ނަމަވެސް އެއްޕާޓީއަކުން ވެރިކަން ކުރުމުގެ ވިސްނުމަކީ ރައީސް ޞާލިޙުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ.




