ފާދިއްޕޮޅު ނައިފަރުން ކައުންސިލުން އެކައުންސިލްގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ހިއްސާ ކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިއައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ނައިފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފެނާއި، ނަރުދަމާގެ މަޝްރޫޢު ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ރަށުގައި ޔޫތު ސެންޓަރެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ މައްސަލަތައް ޙިއްޞާ ކުރެއްވިއެވެ. އަދި ނައިފަރުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މެންބަރުން ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން ނައިފަރު ސްކޫލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.