އޭޕްރީލް މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 206 މައްސަލަ ރިޕޯޓްކޮށް އެޓެންޑްކޮށްފައި ވާކަން އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައި ފިއެވެ.
ތަފާސް ހިސާބު ދައްކާ ގޮތުން މިނިސްޓްރީ އަށް މިދިޔަ މަހު އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަ ތަކެވެ. މިގޮތުން މިފަދަ 113 މައްސަލަ މިދިޔަ މަހު ރިޕޯޓް ކޮށްފައި ވެއެވެ. މިއީ އެމިނިސްޓްރީ އަށް އޭޕްރީލް މަހު ރިޕޯޓް ކޮށްފައިވާ މައްސަލަ ތަކުގެ 55 އިންސައްތައެވެ.
މިބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 22 މައްސަލައާއި، ގެވެށި އަނިޔާކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ އާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 4 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ 1 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ 10 މައްސަލަޔާއި، މީގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 4 މައްސަލަޔާއި، ތައުލީމަށް ހުރަސް އެޅުމުގެ 4 މައްސަލަޔާއި، އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 1 މައްސަލަޔާއި، އަދި ވެކްސިން ނުދިނުމުގެ 1 މައްސަލަ ހިމެނެއެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި 18 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާއިރު ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ ހުށަހަޅައިފައި ވެއެވެ. އަދި ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 12 މައްސަލަ ހުށަހަޅައިފައި ވެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 30 މައްސަލައިގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 5 މައްސަލަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަށް އޭޕްރީލް މަހު ހުށަ ހަޅައިފައި ވެއެވެ.