ލަލީގާގައި މިއަދު ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅުނު ސީޒަންގެ ފަހުން މެޗުންވެސް ރެއަލްމެޑްރިޑް ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުން ރެއަލްމެޑްރިޑް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުއެވެ. މިދެލަނޑު ރެއަލްބެޓިސްއަށް ޖަހައިދީފައިވަނީ ލޯރެން މޯރޯންއާއި ކުރިން ރެއަލްމެޑްރިޑަށް ކުޅެދިން ޖެސެ ރޮޑްރިގޭޒްއެވެ.
ދަށް ނަތީޖާތަކެއް ދަށްކަމުންއައި ރެއަލްމެޑްރިޑް މިސީޒަން ނިންމާލަންޖެހިފައިވަނީ ހުސްއަތާއެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ރެއަލްމެޑްރިޑްވަނީ ބަލިވެފައެވެ.
މިއަދު ކުޅެވުނު މެޗުގެ ފުރަތަމަ 11 އިން ބޭލްއަށް ފުރުޞަތު ލިބިފައެއްނުވެއެވެ. ލަނޑުޖަހަށް ރެއަލްމެޑްރިޑަށް ލިބުނު އެންމެ ހުސް ފުރުޞަތު ލިބިގެންދިޔައީ ބެންޒެމާއަށެވެ. ގޯލް ކުރިމަތީ އެކަނިމާ އެކަނިހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއާއެވެ.
ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ޒިދާން އަސެންސިއޯ އަދި އިސްކޯވަނީ ދެވަނަ ހާފުގައި ކުޅެން ނެރުނުނަމަވެސް ބޭލްއަށްވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައިވެސް މެޗުން ފުރުޞަތު ލިބޭގޮތް ނުވެފައެވެ.
ޓީމުގައި ކިތަށްމެ ވަރުގަދަ ކުޅުންތެރިން ހުރިނަމަވެސް ރެއަލްމެޑްރިޑަށް މެޗުގެ ނަތީޖާ އަނބުރާލެވޭގޮތްވަނީ ނުވެފައެވެ. މިދިޔަ ވޯލްޑްކަޕްގައި މޮޅު ކުޅުމެއްދެއްކި އަދި މިދިޔަ ސީޒަންގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހޯދި ލޫކާ މޮޑްރިޗަށްވެސް މެޗުގައި މާއެދެވޭ ކުޅުމެއްވަނީ ދެއްކޭ ގޮތްނުވެފައެވެ.
ރެއަލްމެޑްރިޑަށް ލީގުން ތިންވަނަ ލިބެނީ ޖުމްލަ 68 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އެތުލެޓިކޯ މެޑްރިޑަށް 76 ޕޮއިންޓް ލިބުނުއިރު ވާދަވެރި ބާސެލޯނާ ސީޒަން ނިމުމުގެ މާކުރިންވަނީ ލީގު ކަށަވަރުކޮށްފައެވެ.