މަސްތުވާތަކެއްޗާއެކު ކ.ކާށިދޫން ތިން މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު ތިންމީހަކު ކާށިދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 21 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ކާށިދޫ ފަޅުގެއެއްގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ކާށިދޫ ޕޮލިސް ސްޓޭޝަނުން މެއި 18 ވަނަ ދުވަހުގެ 16:50 ހާއިރު ހިންގި އޮޕަރޭޝަންގެ ތެރެއިން، މި ތިން މީހުން ތިބި ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއާއި 37 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެމުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.