މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދިޔަ ބަރެސްދޫ މަޝްރޫއާއި ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އޭސީސީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެމްއައިޓީޑީސީ އިން ކުރިއަށް ގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓުތައް ގަނެފައިވާ ފަރާތްތަކުން ދެއްކި ޑިޕޮސިޓް ފައިސާ އެމްއައިޓީޑީސީގެ އިސްވެރިން އުސޫލާ ހިލާފަށް ބޭނުންކޮށްފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުގައި، އެ މަޝްރޫއުގައި ވިޔަފާރި ޔުނިޓްތައް ގަތް ގިނަ ފަރާތްތަކަކުން ވަނީ އެޑްވާންސް ފައިސާ އެމްއައިޓީޑީގެ އިތުރުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އަށް ދައްކާފައި ކަމަށެވެ.
އޭސީސީ އިން ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އަދި އެކަމާގުޅޭ މައުލޫމާތު ބޭނުންވާ ކަމަށެވެ.
އޭސީސީ އިން އެދޭ މައުލޫމާތު:
- ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާތު
- ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދު
- ޑިޕޮސިޓް ފައިސާ ދެއްކި ތާރީހު
- ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް)
- ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާ ނަމަ އެ ލިޔެކިޔުމެއް
މި މައުލޫމާތުތައް ޖޫން 13 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ލިޔުމުން އޭސީސީ އަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.



