ދިވެއްސަކު ޖާނުންފިދާވެގެން ސީރިއާގައި ދިން ބޮމުގެ ހަމަލާ ހަނގުރާމާވެރިން ދޮގުކޮށްފި

ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިޔަކު ޖާނުން ފިދާވެގެން ސީރިއާގައި ކާރު ބޮމުގެ ހަމަލާއެއް ދީފިކަމަށް ސީރިއާގެ ނޫސްތަކުން ބުނެފައިވާ ހަބަރު، ސީރިއާ ގައި ހަރަކާތްތެރިވާ ގިނަ ދިވެހިން ނިސްބަތްވާ ހަނގުރާމަވެރިންގެ ޖަމާޢަތް ތަހްރީރް އަލް-ޝާމް ޖަމާޢަތުން ދޮގުކޮށްފިއެވެ.

އެޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ، ކަފްރް ނަބުދާހް އަވަށް ހަމަލާ ދިނީ "ދިވެހިރާއްޖެއަށް ނިސްބަތްވާ އަޚެއް ނޫން." ކަމަށާއި، އެޖަމާޢަތުން ބުނީ ދިވެހިން ބައިވެރިވާ ހަމަލާތަކުގެ ތަފްސީލް އެޖަމާޢަތުން ހާމަ ކުރާނެކަމަށެވެ.

މި ހަމަލާއާ ބެހޭގޮތުން ސީރިއާ ސިފައިން ބުނެފައިވަނީ، ސީރިއާގައި ހަރަކާތްތެރިވާ ދިވެއްސެއް ކަމަށްވާ އަބޫ ސަރަހް ނަމަކަށް ކިޔާ ހަނގުރާމަވެރިޔަކު ބޮން ހަރުކޮށްފައި އޮތް ކާރެއްގައި ކަފްރް ނަބުދާހް އަވަށަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް ސިފައިންނަށް އޭނާ ދުއްވަން އިން ކާރާއި މެދު ޝައްކު އުފެދުމުން ކާރު ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ކާރު ހުއްޓުވަން މަސައްކަތް ކުރަން ފެށުމުން އަމާޒަށް ދެވުމުގެ ކުރިން އަބޫ ސަރަހް ކާރު ގޮއްވާލާފައިވާކަމަށްވެސް ސީރިއާ ސިފައިން ބުނެފައިވެއެވެ.

ކަފްރް ނަބުދާހް އަވަށަށް ވަންނަން އުޅުނު ހަނގުރާމަވެރިންތަކަކާއި ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ދިހަ ހަނގުރާމަވެރިޔަކު ވަނީ މަރާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް