ޕީޕީއެމްއިން އަންނަ ހުކުރު ދުވަހު މާލެ ފިޔަވާ އެހެން ރަށްތަކުގައި މުޒާހަރާ ކުރަނީ

އިދިކޮޅު ޕާޓީ ޕީޕީއެމްއިން އަންނަ ހުކުރު ދުވަހު މާލެ ފިޔަވާ އެހެން ރަށްތަކުގައި މުޒާހަރާކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، މި މުޒާހަރާތަކަކީ ސުލްހަވެރިކަމާއެކު ހިނގާނެ މުޒާހަރާތަކެއް ކަމަށާއި، އަދި މުޒާހަރާތައް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހު އަތޮޅުތެރޭގެ ރަށްތަކުގައި ކަމަށެވެ.

"ރާއްޖޭ ވިއްކާލުމާއި ދެކޮޅަށް" ނަމުގައި ކުރިއަށްދާ މި މުޒާހަރާ، މާލެ، ވިލިމާލެ، އަދި ހުޅުމާލެ ފިޔަވާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

މޭލެ ސަރަހައްދުފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ދުވަހު 16:00 އިން ފެށިގެން މި މުޒާހަރާ ކުރިއަށް ދާނެކަމަށް ޕާޓީން މައުލޫމާތުދިނެވެ.

މިއަދުގެ ސަރުކާރުން ކުރަމުންގެންދާ ނޭއްގާނީ ކަންކަމާއި ދެކޮޅަށް މި މުޒާހަރާގައި އިހުތިޖާދުކުރާނެކަމަށް ނޫސްކޮންފަރެންސްގައި ޕާޓީން މައުލޫމާތުދިނެވެ. އެގޮތުން އިހްތިޖާދު ކުރަންމިޖެހެނީ، މަސްވެރިންނަށް ބާނާ މަސްކޮޅަށް ހަމައަގުނުލިބުމާއި، ކަނޑުތައް ވިއްކާލުމާއި ދެކޮޅަށް ކަމަށް މައުލޫމާތުދިނެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކުރި އެތައް ދިވެހިންނަކަށް މުސާރަ ނުލިބުމާއި، އަދި އެ މުސާރަދިނުމަށް ލޯނުނެގުމާއި ދެކޮޅަށް ކަމަށް މައުލޫމާތުދިނެވެ.

ޝުޖާއު ވިދާޅުވީ، މިހާރުގެ ސަރުކާރުން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، ދިވެހި ރާއްޖޭގެ 12 ފަޅުރަށެއް ޗައިނާއަށް  ދީގެން ރާއްޖެ ވިއްކާލަން އުޅޭ ކަމަށް ބުނެ ތުހުމަތުތައް ކުރަމުންދިޔަކަމަށެވެ. ނަމަވެސް، ޔާމީނަކީ ދިވެހިރާއްޖޭގެ ހަރުމުދާ ވިއްކައިގެން ދިވެހިރާއްޖެ ތަރައްޤީކުރުމަށް ލޯނު ނަންގަވާނެ ބޭފުޅެއް ނޫންކަމަށް މިއަދު ދިވެހި ރައްޔިތުން ހެކިވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިއަދު ފެނިގެންމިދަނީ، އަވައްޓެރި ގައުމުތަކުންނާއި، އަދި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ލޯނު ބޮޑުއަދަދުން ނަގަމުންދާއިރު، އަޑުއިވިގެންމިދަނީ ދިވެހިންގެ މިނިވަންކަން ގެއްލޭ ހާލަތަށް ގައުމުވެއްޓިގެންދާ ވާހަކަތައް ކަމަށް ޝުޖާއު އިތުރަށް ވިދާޅުވިއެވެ. އަދި އޭގެތެރޭގައި އެއާޕޯޓުތައް ދިގުމުއްދަތަށް ކުއްޔަށް ދިނުމާއި، މައި ޕޯޓު ކުއްޔަށް ދިނުމާއި، އައްޑޫސިޓީގެ ބަޔެއް ކުއްޔަށް ދިނުން ހިމެނޭކަމަށެވެ.

ގައުމު ތަރައްޤީކުރުމުގެ ލޯނު ނެގުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ގައުމުގެ ހަރުމުދާތައް ބޭރުގެ ލޯނުދޭ ފަރާތްތަކަށް ދިނުމަކީ ދިވެހި އެއްވެސް ރައްޔިތަކު ޤަބޫލުކުރައްވާނެކަމެއް ނޫންކަމަށް ސުޖާއުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ