ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަމުން އަންނަ އިޙްޔާ ޖަލްސާ މެއި މަހުގެ 21 ވަނަ ދުވަހު ނެބޭއްވީ އެއްވެސް ފަރާތަކުން އަންގައިގެން ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެއި 21 ވަނަ ދުވަހު އެ ފައުންޑޭޝަނުން ކުރިއަށްގެންދަން ނިންމަވާފައިވާ ޖަލްސާ ނުބޭއްވުނީ އެމަނިކުފާނައް ދަތިފުޅުވެގެންކަމަށެވެ. އަދި މިމަހުގެ 29 ވަނަ ދުވަހުގެރޭ މި ޖަލްސާ ބާއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ދުވަހުގައި ކޮންމެ އަހަރެއްގެ ރަމަޞާންމަހު އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައިވާއިރު، މިއަހަރު މި ޖަލްސާތައް ކުރިއަށް ގެންދަން ކުރިން ނިއްމަވާފައިވަނީ، މި މަހުގެ 14 އާއި 21 އަދި 28 ވަނަ ދުވަހުއެވެ.
މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖަލްސާ އޮންނަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އިސްލާމީ މަރުކަޒުގައެވެ



